އެއް އަހަރަށް ވުރެ ގިނަ ދުވަހު ބަންދުގައި ތިބި މީހުންގެ މައްސަލަތައް އަންނަ އަހަރުގެ މާޗް މަސް ނިމެންވާއިރަށް ކޯޓުތަކުން ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އާންމުންގެ ފަރާތަކުން ”ވާނުވާ“ މައްސަލައިގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް މިއަންނަ މާޗު މަސް ނިމެންވާއިރަށް ކޯޓު މަރުހަލާ ނިމޭނެ ކަމަށެވެ.
”އެޓާނީޖެނެރަލް ވިދާޅުވެލައްވަނީ އެބޭފުޅުންނަށް ލިބިފައިވާ މައުލޫމާތުގައި، މިއަންނަ މާޗު މަސް ނިމެންވާއިރަށް އެއް އަހަރަށްވުރެ ގިނަ ދުވަސްވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް ކޯޓު މަރުހަލާތައް ނިމޭނެ ކަމަށް. އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ އެންމެންގެ މައްސަލަތައް.“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
އަދި އޭގެފަހުން ބާކީތިބި ހުރިހާ ފަރާތްތަކުގެ މައްސަލަތައް ހިނގާނެ ކަމަށް ބަންޑާރަނައިބު މައުލޫމާތު ދެއްވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިއީ އެތައް އަހަރެއް ވެފައިވާ މައްސަލަތައް ކަމަށާއި އަދި މާޗް މަހާ މަހައަށް މި މައްސަލަތަކުގައި ގޮތެއް ނިމޭނެ ކަމަށެވެ. އަދި މިކަމުގައި ދެން މާގިނަ ދުވަހެއް ނުވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ވާނުވާގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ތެރެއިން ބަންޑާރަނައިބު ކުރައްވަންޖެހޭ ކަންކަން ކުރައްވާނެ ކަމަށާއި އަދި ބަންޑާރަނައިބުގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލަށް އަންގަވަންޖެހޭ އެންގެވުންތައްވެސް އަންގަވާނެ ކަމަށެވެ.
ރައީސް މުއިއްޒު މިމަހުގެ 5 ވަނަ ދުވަހު މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވަނީ ވާނުވާގެ މައްސަލައާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އެރޭގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މިސަރުކާރުން ”ވާނުވާ“ ގެ މައްސަލައަށް ހައްލެއް ހޯދުމަށް އެކަމަށް މެދުވެރިވާ ސަބަބުތައް ބަލައި، އެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްތައް ކޮށްފައިވާކަމަށެވެ. އެގޮތުން އެންމެ މުހިންމު ކަމަކަށް ކްރިމިނަލް ކޯޓު ހިންގުމަށް ރަނގަޅު އިމާރާތެއް ހަމަޖަސަވައި ދެއްވާފައިވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން މިހާރު ޝަރީއަތްތައް އަވަހަށް ބާއްވާ، މައްސަލަތައް ނިންމުމުގެ ކަންކަން ކޯޓުގެ ތެރެއިން ހިނގަމުންދާ ކަމަށް ވިދާޅުވި އެވެ.
އެ ރޭގެ ބައްދަލުވުމުގައި ރައީސް ވަނީ ބަންދުގައި ތިބި މީހުންގެ އަދަދު އަދި ބަންދުގައި ތިބި މީހުންނަށް ތުހުމަތު ކުރެވޭ ކުށްތައް ހާމަކުރައްވާފަ އެވެ. އެގޮތުން:
- މަރުގެ މައްސަލަތަކުގެ ތުހުމަތުގައި 29 މީހުން
- ޓެރަރިޒަމްގެ މައްސަލަތަކުގެ ތުހުމަތުގައި 20 މީހުން
- ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ތުހުމަތުގައި 117 މީހުން
- މާރާމާރީގެ މައްސަލަތަކުގެ ތުހުމަތުގައި 70 މީހުން
- ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގެ ތުހުމަތުގައި 116 މީހުން
ރައީސް މުއިއްޒު ވިދާޅުވީ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ކޯޓުތެރެއިން ބަރާބަރަށް މިހާރު ހިނގަމުންދާ ކަމަށާއި މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.



