ޖިނާއީ ކުށްކުރާ ފުލުހުންނާއިމެދު ގާނޫނީގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އިސްމާޢީލް ނަވީން ވިދާޅުވެއްޖެ އެވެ.
ނަވީން މިފަދައިން ވިދާޅުވީ، މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު ތ. ވަންދޫން ހައްޔަރުކުރުމާ ގުޅިގެންނެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ދިލާސާގެ / ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒް (25އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިންނެވެ. މިމައްސަލައިގައި ހައްޔަރުކުރެވުނު މުޙައްމަދު ނަވާޒް އަކީ ފުލުހުންގެ ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ.
މިމައްސަލައާ ގުޅިގެން މުޙައްމަދު ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާއަތުގައި އޮތް ބެއަރއެއް ބެލިބެލުމުން ފަހާފަހުރިކަމަށް ފާހަގަކުރެވިގެން އިތުރަށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ވަނީ ފެނިފަ އެވެ. މީގެ އިތުރުން އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.
މި ތުހުމަތުތަކާ ގުޅިގެން ހައްޔަރުކުރުމާއެކު މުޙައްމަދު ނަވާޒްވަނީ ފުލުހުންގެ ވަޒީފާއިން ވަގުތުން ސަސްޕެންޑް ކޮށްފަ އެވެ. ނަވާޒްއަކީ 2021 ވަނަ އަހަރު ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށްފައިވާ ކޮލިފައިޑް ޕޮލިސް އޮފިސަރެކެވެ.
މި މައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ ޖިނާއީ މިފަދަ ކުށްކުރާ މުވައްޒަފުންނާ މެދު ގާނޫނީގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
”މިފަދަ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް މިޚިދުމަތުގައި އެއްވެސް ޖާގައެއް ނޯންނާނެ. އަދި މިފަދަ ކުށްކުރާ މުވައްޒަފުންނަށް މި ޚިދުމަތުން އެއްވެސް ޖާގައެއް ނުދޭނެކަމުގެ ޔަގީންކަން ދެން،“
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މުޙައްމަދު ނަވާޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށްފަހު ވަނީ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


