ޖަރުމަނު ލީގުގައި ރޭ ބަދަލަކަށް ނިކުމެ، ހެރީ ކޭން ހެދި ހެޓްރިކާއެކު ބަޔާން މިޔުނިކުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސްޓުޓްގާޓްގެ މައްޗަށް ކުރިހޯދައިފިއެވެ.
ސްޓުޓްގާޓްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 11 ވަނަ މިނެޓުގައި ކޮންރަޑް ލައިމާ ވަނީ ލަނޑެއް ޖަހައި ބަޔާނަށް ކުރިހޯދަދީފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލި އެއް ލަނޑުގެ ކުޑަ ލީޑަކާއެކުއެވެ.
ދެވަނަ ހާފުގައި ބަޔާން އިން ތަފާތު ދެއްކީ ބަދަލަކަށް ކުޅެން ނިކުތް ކޭން އެވެ. މެޗުގެ 60 ވަނަ މިނެޓުގައި ކުޅެން ނިކުތް ކޭން ވަނީ، ކުޅެން އެރިތާ ހަ މިނެޓު ފަހުން ލަނޑު ޖަހައި ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 78 ވަނަ މިނެޓުގައި ޖޮސިޕް ސްޓެނިސިޗް ޖެހި ލަނޑާއެކު ބަޔާނުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދާފައެވެ.
މެޗުގެ 81 ވަނަ މިނެޓުގައި ސްޓުޓްގާޓްގެ އޭރިއާ ތެރެއިން ގަސްތު ބޯޅައިގައި އަތުން ޖެހުމުން އެ ޓީމުގެ ލޮރެންޒް އަސިގްނޮން އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މިއާއެކު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ކޭން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. އަދި މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކޭން ވަނީ އިތުރު ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ.
ރޭ ޖެހި ތިން ލަނޑާއެކު ކޭން ވަނީ މި ސީޒަނުގައި މިހާތަނަށް ތިން ހެޓްރިކް ފުރިހަމަކޮށްފައެވެ. މި ސީޒަނުގައި ކުޅުނު 22 މެޗުން އޭނާ ވަނީ 28 ލަނޑު ޖަހާފައެވެ.


