ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށުން ނަގައި، ހުޅުމާލޭގެ ހިންގެވުމާއި މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި ނަމަވެސް، ހުޅުމާލެއާ ހަވާލުވާން ދެކޮޅު ހަދަނީ ސިޓީ ކައުންސިލް އިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލްގައި ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ ހުރިހާ މުނިސިޕަލް ޚިދުމަތްތަކެއް ހުޅުމާލޭގައިވެސް މިހާރު ދެމުން ގެންދަނީ އެޗްޑީސީން ކަމަށެވެ. އަދި ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ކައުންސިލާ ހަވާލުކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށްވެސް ފާހަގަކުރެއްވި އެވެ. އެ ވައުދު ފުއްދުމަށްޓަކައި ސަރުކާރާއި އެޗްޑީސީއާ ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރަމުން އައި ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ސިޓީ ކައުންސިލުން ހުޅުމާލޭގެ ހުރިހާ މުނިސިޕަލް ޚިދުމަތްތަކާ ހަވާލުވާކަށް ބޭނުމެއް ނުވި ކަމަށް ރައީސް ވިދާޅުވި އެވެ.
”ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތާ ހަވާލުވާން އެއްބަސް ނުވި. ނުވީމާ އެޗްޑީސީ މިހާރު ވަގުތީ ގޮތުން އަދިވެސް އެބަލަހައްޓަނީ،“
ރައީސް ވިދާޅުވީ މިކަމާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީތަކުން، ފިނޭންސް މިނިސްޓްރީއާއި ސިޓީސް މިނިސްޓްރީއާ، އެޗްޑީސީއާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިމިފައިވާ ކަމަށާއި، ކެބިނެޓުންވެސް ނިންމުންތައް ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް، ކައުންސިލުން އެ ރެސްޕޮންސިބިލިޓީ ނަގަން ބޭނުން ނުވާތީ ނުވަތަ ތައްޔާރު ނުވާތީ އެ ވައުދު ފުއްދައި ނުދެވި އޮތީ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވަނީ މާލަސްތަކެއް ނުވެ ސިޓީ ކައުންސިލްގެ ފަރާތުން އެ ނިންމުން ބަދަލުކޮށް ހުޅުމާލޭގެ ހިންގުމާ ހަވާލުވެލައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ ފައެވެ. އަދި އެމަނިކުފާނު މިހާރުވެސް ވައުދު ފުއްދަން ތައްޔާރަށް ހުރި ކަމަށް ވެސް ރައީސް ވަނީ ހާމަކުރައްވާފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ ކައުންސިލް



