ގާސިއާގެ ލަނޑާއެކު ރެއާލް ކުއާޓާއަށް

Advertisement

އެންމެ ފަސް

Advertisement

ފީފާ ކްލަބް ވޯލްޑް ކަޕުގެ ގަދަ 16 ބުރުގައި ރޭ ގޮންޒާލޯ ގާސިއާގެ ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ޔުވެންޓަސް ބަލިކޮށް، ރެއާލް މެޑްރިޑް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ހާޑް ރޮކް ސްޓޭޑިއަމްގައި ރެ ކުޅުނު މެޗުގައިވެސް ޒަބީ އަލޮންސޯ ބޭނުންކުރީ 5-3-2 ގެ ފޯމޭޝަނެވެ. ނަމަވެސް، ފުރަތަމަ ހާފުގައި އެ ޓީމުގެ ޑިފެންސަށް ގިނަ ގޯސްތަކެއް ހެދިފައިވާއިރު، އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ފުރަތަމަ ހާފުގައި ރެއާލުން ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޖޫޑް ބެލިންހަމް އަށެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ޔުވެންޓަސްގެ ކީޕަރު މައިކަލް ޑި ގްރެގޯރިއޯ ވަނީ ދިފާއުކޮށްފައެވެ. އޭގެއިތުރުން، ފެޑްރިކޯ ވަލްވާޑޭ ފޮނުވާލި ހަމަލާވެސް އޭނާ ވަނީ އެއް އަތުން މަތަކޮށްފައެވެ. މުޅި މެޗަށް ބަލާއިރު އޭނާ ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ.

ޓްރެންޓް އެލެކްސަންޑާ އާނޯލްޑް، ވިދިވިދިގެން ހަތަރު ވަނަ މެޗުގެ ފުރަތަމަ 11 ގައި ހިމެނިއިރު، އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި، އިދިކޮޅު ޓީމުގެ އޭރިއާ ތެރެއަށް ގިނަ ބޯޅަތަކެއް ހުރަސްކޮށްފައެވެ. ދެވަނަ ހާފު ފެށިގެން މެޗުގެ ނުވަވަނަ މިނެޓުގައި އާނޯލްޑް ނަގައިދިން ހުރަހަކުން ރެއާލަށް ލަނޑު ޖަހައިދިނީ ގާސިއާ އެވެ.

ދެވަނަ ހާފުގައި ގާސިއާގެ ބަދަލުގައި ކީލިއަން އެމްބާޕޭ ވަނީ ކުޅެން އަރާފައެވެ. މިއީ މި މުބާރާތުގައި އެމްބާޕޭގެ ފުރަތަމަ ފެނިލުމެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ރެއާލް ނިކުންނާނީ ބޮރޫޝިއާ ޑޯޓްމަންޓާ ދެކޮޅަށެވެ.

ރެއާލް މެޑްރިޑް ފީފާ ކްލަބް ވޯލްޑް ކަޕް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ