ޗެލްސީ ޖާޒީގައި ލިއަމް ޑެލަޕް ޖެހި ފުރަތަމަ ލަނޑާއެކު 3-0 ގެ ނަތީޖާއަކުން އެސްޕަރެންސް ބަލިކޮށް، ފީފާ ކްލަބް ވޯލްޑް ކަޕުގެ ގަދަ 16 ބުރަށް ޗެލްސީ ދަތުރުކޮށްފިއެވެ.
ލިންކަން ފައިނޭންޝިއަލް ފީލްޑުގައި އަންގާރަ ދުވަހު ކުޅުނު މެޗަށް ނިކުތްއިރު، ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އަށް ބަދަލެއް ގެނެސްފައެވެ. އެގޮތުން، ކޯލް ޕާމާ، ޕެޑްރޯ ނެޓޯ އަދި މޮއިސެސް ކައިސޭޑޯ އަށް ވަނީ ރޭގެ މެޗުގައި ރެސްޓު ދީފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓޮސިން އަޑަރަބިއޯޔޯ ޖެހި ލަނޑާއެކު ޗެލްސީން ވަނީ ކުރިހޯދާފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޑެލަޕް ވަނީ ލަނޑު ޖަހައި ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ. އެއީ މި މަހުގެ ކުރީކޮޅު 30 މިލިއަން ޕައުންޑަށް އިޕްސްވިޗް ޓައުން އިން ޗެލްސީއަށް ބަދަލުވުމަށްފަހު ޑެލަޕް ޖެހި ފުރަތަމަ ލަނޑެެވެ. ޗެލްސީގެ ފުރަތަމަ ދެ ލަނޑު ޖެހުމަށްވެސް ފުރުސަތު ތަނަވަސްކޮށްދިނީ އެންޒޯ ފެނާންޑޭޒް އެވެ.
ޗެލްސީގެ ތިންވަނަ ލަނޑު، ދެވަނަ ހާފުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކުރީ ޓައިރިކް ޖޯޖް އެވެ. މި މެޗުން ބަލިވުމާއެކު އެސްޕަރެންސް ވަނީ މުބާރާތުން ކަޓާފައެވެ.
މި މެޗުން މޮޅުވި ނަމަވެސް، ޗެލްސީއަށް ލިބުނީ ހަ ޕޮއިންޓާއެކު ގުރޫޕުގެ ދެވަނަ އެވެ. ހަތް ޕޮއިންޓާއެކު އެއްވަނަ ލިބުނީ ފްލަމެންގޯ އަށެވެ. ގަދަ 16 ބުރުގައި ޗެލްސީ ބައްދަލުކުރާނީ ބެންފީކާ އާއެވެ. އަދި ފްލަމެންގޯ ނިކުންނާނީ ބަޔާން މިޔުނިކާ ދެކޮޅަށެވެ.
