ދަރުމަވަންތަ ހޮސްޕިޓަލާއި ޗައިނާގެ ސޫޗައު ޔުނިވާސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
އައިޖީއެމް ހޮސްޕިޓަލުން މިއަދު ބުނެފައިވަނީ، ސޫޗައު ޔުނިވާސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާއި ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ގައި ސޮއިކޮށްފައިވަނީ މިއަދު ކަމަށެވެ.

މި އެއްބަސްވުންވެގެންދާނީ ރާއްޖޭގައި ކުޑަކުދިންގެ ސާޖިކަލް ކެއަރ ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ކަމަށްވެސް އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވެ އެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިއްޚީ ނިޒާމު އިތުރަށް ކުރިއެރުވުމަށް އެއްބާރުލުން ލިބި، ކުޑަކުދިންގެ ސިއްޚީ ކަންކަމާއި ގުޅޭގޮތުން ތަޖުރިބާއާއި ތަމުރީން އަދި މައުލޫމާތު ބަދަލުކުރެވޭނެ ކަމަށް އައިޖީއެމްއެޗްއިން މައުލޫމާތު ދީފައިވެ އެވެ.
މި ސޮއި ކުރުމުގެ ރަސްމިޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިއަންހުއާ ބައިވެރިވެވަޑައިގެންފައިވެ އެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ޗައިނާ އެމްބަސީން ބުނެފައިވަނީ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަކީ ޗައިނާ އަދި ރާއްޖެއިންވެސް އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ދައްކުވައިދޭ ވަރުގަދަ މިސާލެއް ކަމަށްވެސް ބުނެފައިވެ އެވެ.
ރާއްޖެ - ޗައިނާ ދަރުމަވަންތަ ހޮސްޕިޓަލް ޗައިނާ ސަފީރު ކޮންގ ޝިއަންހުއާ
