2017 ވަނަ އަހަރު މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން އިސްތިއުނާފު ޝަރީއަތް ނިމެންދެން ބަންދު ނުކުރަން ހައިކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން މިއަދުވެސް ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންދެވުނެވެ.
އަނަސް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2024 ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން ވަނީ މިމައްސަލައިގައި ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފަ އެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ 2024 މޭ 16 ވަނަ ދުވަހު އެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން އިސްތިއުނާފު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ދައުލަތުން ހައިކޯޓުގައި އެދުމުން މާޗް 10 ވަނަ ދުވަހު ހައިކޯޓުން ވަނީ އެ މީހުން ބަންދުނުކުރުމަށް ނިންމާފަ އެވެ. ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން އޭޕްރިލް 28 ވަނަ ދުވަހު ހުކުމް ކޮށްފައިވަނީ، ހައިކޯޓުން އެމީހުން ބަންދު ނުކުރުމަށް ނިންމާފައިވަނި ޤާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ނިންމުން ބާތިލުކޮށް އެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު އަލުންގޮތެއް ނިންމުމަށް މައްސަލަ ހައިކޯޓަށް ތަހުވީލު ކޮށްފައިވެ އެވެ. ނަމަވެސް ހައިކޯޓުން މޭ 21 ވަނަ ދުވަހު ނިންމާފައިވަނީ އެ މީހުން ބަންދު ނުކުރުމަށެވެ.
މި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފަ އެވެ. އަދި މައްސަލަ ރައްދުވާ ފަރާތްތަކަށް ވަކީލުން ހަމަޖެއްސުމުގެ ފުރުސަތު ދީފައިވެ އެވެ. އެދުވަހުގެ ޝަރީއަތަށް، އިސްތިއުނާފު ރައްދުވާ ހަސަން މަހްފޫޒް އައީ ޤާނޫނީ ވަކީލަކާ އެކު އެވެ.
މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމަށް މަހްފޫޒްގެ ވަކީލް އަބްދުﷲ ހަސީން ހާޒިރުވެފައެއް ނުވެ އެވެ. ފަނޑިޔާރު ޝުޖޫން ވިދާޅުވީ ވަކީލް ރަށުގައި ނޫޅުއްވާ ކަމަށް މިއަދު ކޯޓަށް އަންގަވާފައިވާ ކަމަށެވެ. މިއަދުގެ އަޑުއެހުމައް އިސްތިއުނާފު ރައްދުވާ އުޘްމާން ޝަރީފް ހާޒިރުވީ ވަކީލަކާ އެކު އެވެ. އޭނާގެ ވަކީލް ވިދާޅުވީ އިއްޔެ ކޯޓަށް ފޯމު ފޮނުވިނަމަވެސް އަދި ޖަވާބެއް ލިބިފައި ނުވާ ކަމަށާއި އަދި ލިޔެކިޔުންތައްވެސް ނުލިބޭ ކަމަށެވެ. އެހެންކަމުން ދިރާސާ ކުރުމުގެ ފުރުސަތަކަށް އެެދިވަޑައިގަތެވެ.
މިކަމާ ގުޅިގެން ފަނޑިޔާރު އައިޝާ ޝުޖޫން ވިދާޅުވީ، މި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކުރައްވާނެ ކަމަށެވެ. އަދި މި މައްސަލައިގައި އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.
އަނަސް މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ، މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު، ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާން އަދި މ. ދިމިޝްގު، އުޘްމާން ޝަރީފްގެ މައްޗަށެވެ. މި މައްސަލައިގައި، ގަސްދުގައި މީހަކު މަރާލުމުގައި ބައިވެވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.