ޖުޑިޝަރީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ބްލޮކް ގްރާންޓެއްގެ ގޮތުގައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ޖުޑިޝަރީގެ މުސްގިއްލުކަން ދެމެހެއްޓެވުމަށް މުހިންމު ނިންމެވުމެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖުޑިޝަރީއަށް ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގަރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ އޮފިޝަލް އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ރައީސްގެ ނިންމެވުން ސިފަކޮށްފައިވަނީ، ރާއްޖޭގެ ޖުޑިޝަރީ ހަރުދަނާކުރައްވައި، މިނިވަން ޖުޑިޝަރީއެއް ޤާއިމުކުރެއްވުމަށް، ރައީސް މުއިއްޒު އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުގަ އެވެ. އަދި ވަނީ ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުއްވުމަށް ކެބިނެޓުގައި މަޝްވަރާކުރައްވައި ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވާފަ އެވެ.
ސުޕްރީމް ކޯޓުން ބުނެފައިވަނީ މިނިންމެވުމަކީ ދެމެހެއްޓެނިވި ނިންމެވުމަކަށް ހެއްދެވުމަށްޓަކައި، ޤާނޫނީ ބާރުވެރިކަން ލިބިދެއްވުމުގެ މަސައްކަތް ފައްޓަވާފައިވާތީ، ޖުޑިޝަރީގެ ނަމުގައި ރައީސް ޑރ. މުޢިއްޒުއަށް ޝުކުރުދަންނަވާ ކަމަށެވެ.
”މި ނިންމެވުން ހިމެނިގެންދާނީ މި ދާއިރާގެ ކުރިއެރުމާއި މުސްގިއްލުކަން ދެމެހެއްޓެވުމަށް ނިންމެވި ތާރީޚީ މުހިންމު ނިންމެވުމެއް ކަމުގައި ދެކެމެވެ.“
ސުޕްރީމް ކޯޓުން ބުނެފައިވަނީ، މި ނިންމެވުމުގެ ސަބަބުން މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލު ހޯދުމަށް ފަސޭހަވެ އަދުލުއިންސާފު ޤާއިމުކުރުމުގެ މަސައްކަތް އިތުރު ހަލުވިކަމެއް އަންނާނެކަމަށް އުއްމީދުކުރާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓު