ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މިމަހު ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފި އެވެ.
މި ޚިދުމަތާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީ އަދި އެމް.ޓީ.ސީ.ސީގެ މުވައްޒަފުން ވަނީ އެ އަތޮޅަށް ކޮންސަލްޓޭޝަން ދަތުރުތަކެއް ފަށާފަ އެވެ. މި ދަތުރުތަކުގައި ރ. އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ރަށު ކައުންސިލްގެ އިދާރާތަކާއި ރަށުގެ މުހިންމު މުއައްސަސާތަކުގެ ވެރިންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުން ރ. އަތޮޅުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި އަތޮޅުގެ އެކި ރަށްރަށަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އާރް.ޓީ.އެލް ފެރީ ޚިދުމަތަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި މިހާރުވެސް ކާމިޔާބުކަމާއެކު ކުރިއަށްދާ ޚިދުމަތެކެވެ. މި ޚިދުމަތް ރ. އަތޮޅުގައި ފެށުމުން، އަތޮޅުގެ ރައްޔިތުންނަށް ޤަވާއިދުން އަދި އިތުބާރުހުރި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުވެގެންދާނެ އެވެ.
އާރުޓީއެލް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)