މޯލްޑިވްސް ނޭޝަނަލް ސަރވިސްއާ ގުޅޭ އެންމެހައި މަސައްކަތްތައް ތަންފީޒުކުރާނެ އިދާރާއެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޑިފެންސް ހަމަޖައްސަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު އިއުލާނެއްގައިވާގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ނިންމެވުމާ ގުޅިގެން، މިއަދުން ފެށިގެން ނޭޝަނަލް ސަރވިސްއާ ގުޅުންހުރި 10 މައިގަނޑު މަސައްކަތެއް ޑިފެންސް މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް ވަނީ އިތުރުކުރެވިފަ އެވެ. މީގެ ތެރޭގައި ނޭޝަނަލް ސަރވިސްގެ އުސޫލުތައް އެކުލަވައިލުމާއި ތަންފީޒުކުރުން، މީހުން އެންރޯލްކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުން އަދި ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުން ހިމެނެ އެވެ.
ރައީސް މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމެއްގެ ދަށުން ތަޢާރަފުކުރެވުނު މި ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް އަމާޒުކޮށްފައިވާ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 891 ޒުވާނުން ވަނީ ކުރިމަތިލާފަ އެވެ.
ޑިފެންސް މިނިސްޓްރީގެ އިތުރު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ނޭޝަނަލް ސަރވިސްގެ މެންބަރުންގެ އިދާރީ ކަންކަން ބެލެހެއްޓުމާއި، ތަމްރީނު ޕްރޮގްރާމްތައް ތަރައްޤީކުރުމަށް ކަމާބެހޭ މުއައްސަސާތަކާއެކު މަސައްކަތްކުރުން ހިމެނެ އެވެ. އަދި މި ނިޒާމު ހިނގާނުހިނގާ ގޮތް ބަލައި، އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަކީވެސް މިނިސްޓްރީގެ ޒިންމާއެކެވެ.
ނޭޝަނަލް ސަރވިސްގެ ފުރަތަމަ ބުރަށް ކުރިމަތިލުމުގެ ފުރުޞަތު އަދިވެސް ހުޅުވާލެވިފައިވާއިރު، ޖޫން 1 ވަނަ ދުވަހުގެ މެންދުރު 12:00 އަށް މި ފުރުޞަތު ނިމޭނެކަން ފާހަގަކޮށްފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއެންޑީއެފް މިނިސްޓްރީ އޮފް ޑިފެންސް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން