ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން ބޮޑު ބަދަލެއް! ސަބަބެއްކަމަށް ބުނީ ރަޖިސްޓްރީ ހަވާލުކުރަން ކަމަށް

Advertisement

އެންމެ ފަސް

Advertisement

ގުޅިފަޅުން ގޯތި ހަވާލުކުރުން އަވަސްކުރުމަށްޓަކައި، އެ ސަރަހައްދުގެ ބިން ބޭނުންކުރާނެ ގޮތުގެ ލޭންޑް ޔޫޒް ޕްލޭންއަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިއުލާންކުރެވުނީ 2023 ވަނަ އަހަރުގެ އޮގަސްޓް 24 ވަނަ ދުވަހު އެވެ. ނަމަވެސް، އޭރުގެ ޕްލޭންގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަންޖެހޭ މުހިންމު ބައިތައް ނެތުމާ ގުޅިގެން، 2024 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގައި އައު ޕްލޭނެއް އިއުލާންކުރެވުނެވެ.

އެންމެ ފުރަތަމަ އެކުލަވާލެވުނު ގުޅީފަޅުގެ ލޭންޑްޔޫސް ޕްލޭން

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އޮގަސްޓް 24 ގެ ޕްލޭންގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރެވިފައިވުމާއެކު، އޮކްޓޯބަރު 27 ގެ ޕްލޭންގެ ދަށުން ގޯތި ރަޖިސްޓްރީ ހެދުމަށް ދަތިތަކެއް ކުރިމަތިވެފައިވެ އެވެ. މިއީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަހައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނެގިފައިވާތީ ދިމާވި މައްސަލައެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ އެއްގޮތަށް ގެނެވުނު ބަދަލު

ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާ އެއްގޮތަށް، ގޯތިތަކުގެ ރަޖިސްޓްރީ ވީހާވެސް އަވަހަކަށް ދިނުމަށްޓަކައި، ގުޅީފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަހައްދުން ދިނުމަށް ނިންމައި، ޕްލޭނަށް ބަދަލު ގެނެސް ގެޒެޓްކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު އެކުލަވާލެވުނު ގުޅީފަޅުގެ ލޭންޑްޔޫސް ޕްލޭން

މި ބަދަލާއެކު، ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ކަނޑައެޅިފައިވާ ބިންތައް، ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ބަދަލުކުރެވިފައިވެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަސް ތެރޭގައި ގުރުއަތުލުން ބާއްވައި ގޯތިތަކުގެ ރަޖިސްޓްރީ ހަވާލުކުރެވޭނެ އެވެ.

ކުރީގެ ސަރުކާރުން ތަޢާރަފުކުރި ’ބިންވެރިޔާ‘ ސްކީމްގެ ދަށުން ގުޅީފަޅުން 2،000 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން، ގިރާވަރު ފަޅުން ގޯތި ލިބިފައިވާ 1،347 ފަރާތެއްގެ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

މިދިޔަ މަހު ހައުސިންގ މިނިސްޓަރ މުއްތަލިބު ވިދާޅުވި ގޮތުގައި، ބިންވެރިޔާ ސްކީމްގެ ދަށުން ޖުމްލަ 9،031 ގޯތި ދޫކުރުމަށް ވަނީ ކަނޑައަޅާ ފައެވެ. މީގެ ތެރޭގައި ހުޅުމާލެއިން 1،407 ގޯއްޗާއި، ގުޅީފަޅުން 2،438 ގޯއްޗާއި، އަދި ގިރާވަރު ފަޅުން 5،187 ގޯތި ހިމެނެ އެވެ.

މިހާރުގެ ގުޅީފަޅުގެ ލޭންޑްޔޫސް ޕްލޭން

ހައުސިންގ މިނިސްޓްރީން އާންމުކޮށްފައިވާ މަޢުލޫމާތުގެ ދަށުން، ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ތެރޭގައި 1،250 އަކަފޫޓުގެ 669 ގޯއްޗާއި، 1،650 އަކަފޫޓުގެ 1،234 ގޯތި ހިމެނެ އެވެ. އަދި މީގެ އިތުރުން 2،050 އަކަފޫޓުގެ 916 ގޯއްޗާއި، 2،450 އަކަފޫޓުގެ 473 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 2،850 އަކަފޫޓުގެ 158 ގޯއްޗާއި، 3،250 އަކަފޫޓުގެ 49 ގޯއްޗާއި، 3،650 އަކަފޫޓުގެ 21 ގޯތިވެސް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ގުރުއަތުލުން މިދިޔަ އޮކްޓޯބަރު މަހު ތެރޭގައި ބޭއްވުނު ނަމަވެސް، މިހާތަނަށް އެއްވެސް ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރެވިފައެއް ނުވެ އެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫޢު ފެށިފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގައި، މާލޭ މައި ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުންނެވެ. ރިޔާސީ އިންތިޚާބާ ކައިރިވަމުން އައި ދަނޑިވަޅެއްގައި، އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމެވީ މާލޭ މީހުންނަށް ގޯތި ދޫކުރުމަށް މި ސަރަޙައްދުން ބައެއް ޚާއްޞަކުރެއްވުމަށެވެ.

މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅީފަޅު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ