އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގައި 48 ސިޔާސީ މުވައްޒަފުން އެބަ ތިއްބެވިކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭ ގޮތުން މިނިސްޓަރު މާރިޔާއާ ސުވާލު ކުރެއްވީ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.
މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގައި 48 ސިޔާސީ މުވައްޒަފުން މިވަގުތު ތިއްބެވި ކަމަށެވެ. ނަމަވެސް މި އަދަދާ ގުޅިގެން މިނިސްޓަރު އެއްވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.
ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވާ މިންވަރު ގިނަވުމުން އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް އަދި ޕީއެންސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު ހުންނާނީ 700 އިން ދަށުގައި ހިފެހެއްޓިފައިކަމަށް ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ސިޔާސީ މުވައްޒަފުންގެ ތަފްސީލް އާންމު ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައުލޫމާތު ހާމަ ކުރަން ފިނޭންސްއަށާއި ރައީސް އޮފީހުގެ މީޑިއާ ޓީމަށް އަންގަވާނެކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. ނަމަވެސް އަދި މިހާތަނަށް އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ