ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބާއްވާ ބައްދަލުވުމުގައި، ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް އެޖެންޑާ ކޮށްފިއެވެ.
މިރޭގެ ބައްދަލުވުމުގެ އެޖެންޑާގައި ހިމަނާފައިވަނީ ހަމައެކަނި މި މައްސަލަކަން ފާހަގަކޮށްލެވެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖޭއެސްސީން މި ދެ ފަނޑިޔާރުން ސަސްޕެންޑް ކުރެވުނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭސީސީގެ މައްސަލައިގެ އިތުރުން ޖޭއެސްސީންވެސް ވަނީ ފަނޑިޔާރު އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒުގެ އިތުރު ދެ މައްސަލައެއް ތަހުގީގު ކުރަން ފަށާފަ އެވެ.
ޖޭއެސްސީން ތަހުގީގު ކުރި ދެ މައްސަލައިގެ ތެރޭގައި ހިމެނެނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ފަނޑިޔަރު އަޒްމިރަލްދާ ނުފޫޒު ފޯރުވި މައްސަލައަކާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާއާ ހުތުރުބަހުން ވާހަކަ ދެއްކެވި އިރު އެ ތަނުގައި ފަނޑިޔާރު އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒު ހުންނެވިކަމަށް ބުނާ މައްސަލައެކެވެ.
މިރޭގެ ބައްދަލުވުމުގައި ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވުމާމެދު ގޮތެއް ނިންމާނެ އެވެ. ބައްދަލުވުމުން އެގޮތަށް ފާސްވެއްޖެނަމަ އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ދެ ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ އެވެ.
ރައްޔިތުންގެ މަޖިލިސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މަހާޒް އަލީ ޒާހިރު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)