ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއަށް

Advertisement

އެންމެ ފަސް

Advertisement

ޅ. ނައިފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވުނު ރަސްމިއްޔާތުގައި މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސައުދީ އާއި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ނައިފަރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި މަޝްރޫއަކީ 679.03 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫގެ ދަށުން 44.80 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 1,813 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 474 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 803 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރެވޭނެ އެވެ. މި މަޝްރޫ ނިންމުމަށް ދީފައިވަނީ 630 ދުވަހުގެ މުއްދަތެކެވެ.

ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ ނައިފަރަކީ 5,787 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި މަޝްރޫ ނިމުމުން ރަށުން ގޯތި ދޫކުރުމަށް އިތުރު ޖާގަ ލިބުމުގެ އިތުރުން، ސިނާއީ މަސައްކަތްތަކަށްވެސް ބިން ތަނަވަސްވެގެންދާނެ އެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމުން އުދައެރުމާއި ރަށްގިރުމުގެ މައްސަލަވެސް ހައްލުވެގެންދާނެކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްގީގެ ގިނަ މަޝްރޫތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފަ އެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ބޯހިޔާވަހިކަން ޅ. ނައިފަރު އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ