ކުޅުދުއްފުށީ ކައިރިއަށް މަސްހިފަން ފޭބި މީހަކަށް މިޔަރެެއް ހަމަލާދީފި އެވެ.
”ޖަވިޔަނި“ އަށް މައުލޫމާތު ދެމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ މިޔަރު ހަމަލާދީފައިވަނީ އެރަށުގެ ޒުވާާނެއް ކަމަށްވާ އުމުރުން 30 އަހަރުގެ އަބްދުލް ވައްހާބު އަށް ކަމަށެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ މިޔަރު ހަމަލާދީފައިވަނީ އެރަށުގެ އިރު ދެކުނު ކަންމަތީގައި އުޅެނިކޮށް ކަމަށެވެ. އަދި އެވަގުތުގައި އެ ޒުވާނާ ނުލާ އިތުރު 3 މީހަކުވެސް އޭނާ އާއި އެެއްކޮށް މަސް ހިފަން ގޮސް އުޅުނު ކަމަށްވެސް ކައުންސިލްގެ ރައީސް ވަނީ މައުލޫމާތު ދެއްވާފަ އެވެ.
އެހެނީ މި ފިރިހެން މީހާ އަކީ އާންމު ގޮތެއްގައި ވެސް މަސްހިފަން ފީނަން ގޮސް އުޅޭ މީހެކެވެ. އެގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިޔަރު ހަމަލާދީފައިވަނީ ކަނާތު ކޮނޑަށެވެ. ކޮނޑުމަތީގެ ބޮޑު ސަރަހައްދެއް ވަނީ ޒަހަމުކޮށްލާފަ އެވެ.
މި ޒުވާނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް ވިދާޅުވަމުން އެރަށު ކައުންސިލްގެ ރައީސް ވިދާޅުވީ ނަމަވެސް މިހާރު އޭނާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.