މައިކެއް އަތުޖެހުމުން ބައެއް މީހުން ތިބެނީ ދުނިޔެ ރަންވެ ހޭބުއްދި ފިލާފައި ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ވާހަކަފުޅަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްދު ދެއްވައިފި އެވެ.
މިނިސްޓަރު ސައީދު ރައްދުދެއްވާފައިވަނީ އިދިކޮޅު ޕީއެންއެފްގެ ޖަލްސާއެއްގައި ޖަމީލް ދެއްކެވި ވާހަކައަކަށެވެ. ޖަމީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އެމަނިކުފާނަށް ސުވަރުގެ ހަރާމްކުރައްވާފައިކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ މައިކު އަތުޖެހުމުން ”ދުނިޔެ ރަންވެ“ ހޭބުއްދި ލުހި، އަނބިދަރީންނާ ޢާއިލާތަކުގެ ކަރާމާތަށް ޖަމީލު އަރައިގަންނަ ކަމަށެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ 2007 ވަނަ އަހަރު ރާއްޖޭގައި ނެގި ނިޒާމީ ވޯޓުގެ ކުރީން އޭރުގެ ބޮޑު ދެޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައިވެސް މުހައްމަދު ޖަމީލް ރުންކުރުވެ، އެތާތިބި ރައްޔިތުންނަށް ނާގާބިލަށް ޖާހިލަށް ގޮވުމަށްފަހު ނަފްސު ކޮންޓްރޯލު ނުވެގެން ސްޓޭޖު ދޫކޮށް ދިޔަ ކަމަށެވެ. އަދި 17 އަހަރު ފަހުންވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ސައީދު ފާހަގަކޮށްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކެބިނެޓުގައި ހުންނެވި ޑރ. ޖަމީލް ބަހުސެއްގެ މެދު ތެރެއިން ރުޅިގަދަވެގެން ފޭބި ވާހަކައަށެވެ.
ޖަމީލުމެން ފަދަ ބޭފުޅުން އަނބިދަރީންނާއި ޢާއިލާތަކުގެ ކަރާމާތަށް އަރައިގަންނަ ކަމަށާއި، ބަސްމަގު ހުތުރުވެ، ﷲ އަށް ލިބިވޮޑިގެންވާ ބާރުތަކާމެދުވެސް ތިމާ އަމިއްލައަށް ގޮތް ނިންމާ ހިސާބަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިފަދަ ބޭފުޅުންނާ އަޅާބަލާއިރު ރައީސް ޑރ. މުޢިއްޒުގެ ހަރުދަނާކަމާއި، މަޑުމައިތިރިކަމާއި، ރީތި އަޚްލާޤު މިނިސްޓަރު ސައީދު ފާހަގަކުރެއްވި އެވެ. އަދި ރައީސް މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދު ފުއްދެވުމަށް ކުރައްވާ މަސައްކަތްތައްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ސައީދު ނިންމަވާލެއްވީ މިފަދަ ކަންކަމަކީ ކިޔަވައިގެން ތިބި ޒުވާނުންނާއި ތަހުޒީބު މުސްލިމް ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޑރ. މުހައްމަދު ޖަމީލް ޕީއެންއެފް