ހުކުރު މިސްކިތުގައި މި ސަރުކާރުން ޖެހި އިތުރު ތަނބެއް ނުހުންނާނެ، އެކަން ކުރީ މި ސަރުކާރުގެ ކުރިން: މިނިސްޓަރު އާދަމް ނަސީރު

Advertisement

އެންމެ ފަސް

Advertisement

ހުކުރު މިސްކިތުގައި މި ސަރުކާރުން ޖެހި އިތުރު އެންމެ ތަނބެއްވެސް ނުހުންނާނެ ކަމަށާއި އިތުރު ތަނބުތަކެއް ޖަހާފައިވަނީ މި ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިންކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އާދަމް ނަސީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު މުހައްމަދު އިބްރާހިމް ވަނީ މިދިޔަ ސަރުކާރުން ހުކުރު މިސްކިތް އާބާތުރަ ފިލުވާ ގިނަ ދުވަހަށް ރައްކާތެރިކުރުމަށް ކުރަމުން ދިޔަ މަސައްކަތް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި ހުކުރު މިސްކިތުގެ އަސްލަށް ބަދަލު އަންނާނެ ގޮތަށް މިކިތުގެ އެތެރޭގައި ތަނބުތަކެއް ޖަހާފައިވާކަމަށްވެސް މެންބަރު ވިދާޅުވި އެވެ.

”މި ދެންނެވި ކަންކަމަށް ހައްލެއް ލިބޭނެ ގޮތަށް މިސްކިތުގެ ކަންކަން އަލުން ފަށާ ނިމޭނީ ކޮން ތާރީހެއްގަ ތޯ؟“ މެންބަރު މުހައްމަދު އިބްރާހިމް

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ މި ސަރުކާރުން ހުކުރު މިސްކިތް މާރާމާތު ކުރުމުގެ މަސައްކަތް ހުއްޓާލާފައި ނުވާނެ ކަމަށެވެ. އަދި އެ މަސައްކަތް ހުއްޓާލީ މިދިޔަ ސަރުކާރުން ކަމަށާއި 2023 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުން މާރާމާތު ކުރުމުގެ މަސައްކަތް ކޮށްފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”ގާތްގަނޑަކަށް ހައެއްކަ މަސްދުވަސް އެއްވެސް މަސައްކަތެއް ނުހިނގާ ކުރިއަށް ގޮސްފައި އޮތީ. އަޅުގަނޑުމެން އައިސް އެކަމަކު ދެންމެގަ މެންބަރުގެ ސުވާލުގައި ފާހަގަކުރެއްވި މަރާމާތުކުރެވިފަ ވަނީ، ކިހިނެއްތޯ، ކޮން ގޮތަކަށްތޯ، އެއިން ދޭ ރައްކާތެރިކަމަކީ ކޮބައިތޯ ބެލިބެލުމުގަ ފާހަގަކުރެވުނު ކަންތައްތަކެއް އެބަހުރި. އިއްޒަތްތެރި މެންބަރުގެ ސުވާލުގަ ފާހަގަކުރެއްވި އަނެއް ކަމަކީ، ތަނުގެ އަސްލު ގެއްލޭ ގޮތަށް ތަނބުތަކެއް ޖަހާފައި ހުރުން. މި ސަރުކާރުން ޖެހި އެންމެ ތަނބެއް ވެސް ނުހުންނާނެ. އަޅުގަނޑުމެން އައިއިރު އެ ތަނބުތައް ވަނީ ޖަހާފަ.“ މިނިސްޓަރު އާދަމް ނަސީރު

މީގެ އިތުރުން ހުކުރު މިސްކިތް މަރާމާތު ކުރި އިރު ބޭނުން ކުރި ކެމިކަލެއްގެ ސަބަބުން ބައެއް މަތިވަޑާންގަނޑުގެ ލިޔުންތައް ފުހެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިސްކިތުގެ ބެރިތަކަށްވެސް ގެއްލުންވެފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއާއެކު މިނިސްޓަރު ވަނީ މަތިވަޑާންގަނޑާއި ބެރިތައް ފެންނަ ފޮޓޯތަކެއްވެސް މެންބަރުންނަށް ދައްކަވާފަ އެވެ.

މިނިސްޓަރު ވަނީ މިސްކިތުގެ އަސްލަށް ގެއްލުންވެފައިވާ ކަމަށާއި އެ ގެއްލުން ލިބިފައިވަނީ މަސައްކަތް ކުރެވިފައިވާ ގޮތުން އިހުމާލުވެފައިވާތީކަމަށް ވިދާޅުވެފަ އެވެ.

ހުކުރު މިސްކިތް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ