ލިވަޕޫލް ފުޓްބޯޅަ ކްލަބާއެކު އެމްއެމްޕީއާރުސީން ފަށާ އާ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާތީ، އެއީ އެމަނިކުފާނަށް ފުން އަސަރެއް ކުރުވާ ކަމެއްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ޕްރިމިއަ ލީގުގެ ކުރީގެ ޗެމްޕިއަން ލިވަޕޫލްގެ ޓޫރިޒަމްގެ ރަސްމީ މަންޒިލަކަށް ރާއްޖެ ހަދައި، ”ވިޒިޓް މޯލްޑިވްސް“ ކެމްޕޭން ރަސްމީކޮށް ފަށާނީ މިރޭ އެންފީލްޑް ދަނޑުގައި އޮންނަ މެޗުގެ ކުރިން ރާއްޖޭގެ ގަޑިން 11:30 ގަ އެވެ. މި ރަސްމިއްޔާތު ޓީވީއެމް އާއި އައިސް ޓީވީން ވަގުތުން ދައްކާނެ އެވެ.
ކެމްޕޭން ފެށުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުއިއްޒު މިހާރު ވަނީ އިނގެރޭސިވިލާތަށް ވަޑައިގެންފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އިނގިރޭސި ވިލާތަކީ ރާއްޖެއަށް ގިނަ ޓޫރިސްޓުން އަންނަ ޤައުމަކަށްވެފައި، މުޅި ޔޫރަޕަށާއި ދުނިޔެއަށް މި ކެމްޕޭނުން އެކްސްޕޯޝަރ ލިބޭނެތީ، މި ޕްރޮމޯޝަން ފެށުމުގެ ރަސްމިއްޔާތަށް ލިވަޕޫލް ފުޓްބޯޅަ ކްލަބުން ދެއްވި ދައުވަތު ގަބޫލުކުރެއްވީ ރާއްޖެއަށް މީގެ އެންމެ ބޮޑު ފައިދާއެއް ހޯއްދަވައިދެއްވުމަށެވެ.
”މިއީ ރާއްޖޭގެ ޓޫރިޒަމާއި އިޤްތިޞާދަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް. މި ޕާޓްނަރޝިޕްގެ ތެރެއިން ރާއްޖެއަށް މިކަން ފަހިކޮށްދިނުމަކީ މުހިންމު ކަމެއް،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި ކެމްޕޭނާ ގުޅޭގޮތުން ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒުއަށް ޝުކުރު އަދާކުރައްވާފައިވެ އެވެ. އަދި މި ކެމްޕޭނުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ފުން އަސަރެއް ކުރުވާ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖެ - ލިވަޕޫލް
