ހިއްޗަށް ވަޑައިގަތުގެ ތަމްސީލުން ދީނާ ޚިލާފު ބިދުޢަވެރި އަމަލުތައް އުނިކޮށްފައިވާނެ: އާދަމް ނަސީރު

Advertisement

އެންމެ ފަސް

Advertisement

ހިއްޗަށް ވަޑައިގަތުގެ ތަމްސީލުން ދީނާ ޚިލާފު ބިދުޢަވެރި އަމަލުތަކުގެ ގޮތުގައި މި ޒަމާނުގެ ދިވެހި ދީނީ ޢިލްމުވެރިން ފާހަގަކުރައްވާ ކަންކަން އުނިކޮށްފައިވާނެ ކަމަށް ތާރީޚާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ފިޠުރު ޢީދު ފާހަގަ ކުރުމަށް އެ ވުޒާރާއިން ކުރިއަށް ގެންދިޔަ ހިއްޗަށް ވަޑައިގަތުގެ ތަމްސީލަށް ބައެއް ފަރާތްތަކުން ފާޑުކިއުމާ ގުޅިގެން ވަޒީރު ވިދާޅުވީ، މި ކަންކަން އުނިކުރެވިފައިވަނީ އެނގިގެން މަޝްވަރާކުރެވިގެން ގަސްދުގައި ކަމަށެވެ. އަދި މި ތަމްސީލް އިންތިޒާމު ކޮށްފައިވަނީ އެ ވުޒާރާއިން ނެގި ޚާއްޞަ ކޮމިޓީއަކުން ކަމަށާއި، މި ކޮމިޓީގައި ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތު ދެކެވަޑައިގަތް ބޭފުޅުންނާއި ތާރީޚު ޢިލްމުވެރިން ހިމެނިވަޑައިގަންނަވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

”ދީނީ ހަމަތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ޓަކައި އުނިކުރި ކަންތައްތައް ފިޔަވައި ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލުން ފެނުނު ހުރިހާ ކަމެއްވެސް އަސްލާ އެއްގޮތް ވާނެ،“ ވަޒީރު ވިދާޅުވި އެވެ.

މިހާރުގެ ހާލަތާއި ނުގުޅޭ ބައެއް ކަންކަން ޒަމާނުގެ ހާލަތަށް ފައްތާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ. އެގޮތުން، ކުރީގެ ފޮޓޯތަކުގައި ލޮންސިވެރީން ތިއްބަވަނީ މަތިހަށި ހުހަށް ހުސްގަޔާއި ހުސްފައިގައި ކަމަށާއި، ނަމަވެސް މިހާރުގެ މާލޭގެ މަގުތަކުގެ ހާލަތަށް ރިޢާޔަތްކޮށް، ތަމްސީލުގައި ބައިވެރިވި ފަރާތްތަކަށް ލިބާސް ލައްވައި، ފައިވާން ލެއްވުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ތާރީޚާއި ސަގާފަތާއި ތަރިކައިގެ ކަންކަން ދިރުވުމުގެ ހަރަކާތްތައް ހުށަހަޅައިދޭއިރު ދީނީ ހަމަތަކާއި އުސޫލުން ބޭރު ނުވާނެކަން ކަށަވަރު ކުރައްވާނެ ކަމަށް ވަޒީރު އަދި ވިދާޅުވި އެވެ. މި އަހަރުގެ ފިޠުރު ޢީދުގެ ފުރަތަމަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މި ތަމްސީލަކީ ރާއްޖޭގެ އާދަކާދައިގެ ތެރެއިން ވަރަށް މުހިންމު ތަރިކައެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ