ބަންގްލަދޭޝްގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ އާއިލާގެ ގެއާއި އަވާމީ ލީގް ޕާޓީގެ އެހެން މެންބަރުންގެ ގެތަކަށް މުޒާހަރާކުރާ ފަރާތްތަކުން ގެއްލުންދީ އަލިފާން ރޯކޮށްލައިފި އެވެ.
މި ހަމަލާތައް ދީފައިވަނީ ބުދަ ދުވަހުގެ ރޭގައެވެ.
މި ހަމަނުޖެހުން ފެށުނީ ހަސީނާ އިންޑިއާއިން ސޯޝަލް މީޑިއާ މެދުވެރިކޮށް ޤައުމާ މުޚާޠަބުކުރާނެކަމުގެ ޚަބަރު ފެތުރުމާ ގުޅިގެންނެވެ. 77 އަހަރުގެ ހަސީނާ މިހާރު ހުންނެވީ ވަގުތީގޮތުން އިންޑިއާގަ އެވެ. އޭނާ ވެރިކަމުން ވަކިކުރެވުނީ ފާއިތުވި އަހަރު ޔުނިވަރސިޓީ ދަރިވަރުންގެ މުޒާހަރާތަކާ ގުޅިގެންނެވެ.
ބީބީސީގެ ބެންގާލީ ސަރވިސްއަށް ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި ބުދަ ދުވަހުގެ ރޭ ގާތްގަނޑަކަށް 700 މުޒާހަރާކުރާ މީހުން ހަސީނާގެ ނިޔާވެފައިވާ ބައްޕަ އަދި ބަންގްލަދޭޝްގެ ފުރަތަމަ ރައީސް، ޝެއިޚް މުޖީބުއް ރަޙްމާންގެ ގެއަށް ވަދެ، ތަކެއްޗަށް ހަމަލާދީ ތަޅާލާފައިވެ އެވެ. މި އިމާރާތަކީ މިއުޒިއަމަކަށް ބަދަލުކުރެވިފައިވާ ތަނެކެވެ.
ފޭސްބުކް ލައިވްސްޓްރީމެއްގައި ހަސީނާ ވަނީ މި ހަމަލާ ކުށްވެރިކޮށް ”އިންސާފު“ ހޯދުމަށް އެދިވަޑައިގެން ފައެވެ.
”އެމީހުންނަށް އިމާރާތެއް ތަޅާލެވިދާނެ، އެކަމަކު ތާރީޚް ފޮހެއެއް ނުލެވޭނެ،“ އޭނާ ވިދާޅުވި އެވެ.
ހަސީނާއަކީ 20 އަހަރު ވަންދެން ބަންގްލަދޭޝްގެ ވެރިކަން ކުރެއްވި ބޭފުޅެކެވެ. އޭނާގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކާމެދު ޢަމަލުކުރެވުނު ގޮތާމެދު ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އިންތިޚާބުތަކުގައި މަކަރުހެދުމާއި އޭނާއާ ދެކޮޅު ފަރާތްތައް ޖަލަށްލުމުގެ ތުހުމަތު އޭނާއާ ދެކޮޅަށް ކުރެވިފައިވެ އެވެ.
