ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި، އެ ޤައުމުގެ މިނިސްޓަރ އޮފް ހެލްތު، ރީނާ ސިކުޓް، ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ކުރިއަށްގެންދެވުނު މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެސްޓޯނިއާއިން ޑިޖިޓަލައިޒޭޝަންގެ ތެރެއިން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ. މި ބައްދަލުވުމުގައި އެސްޓޯނިއާގެ ހެލްތު މިނިސްޓަރ ވަނީ އެ ޤައުމުގެ ޞިއްޙީ ދާއިރާގައި ގެނެވުނު ޑިޖިޓަލް ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދާ ފައިދާތަކާއި، ދިމާވެފައިވާ ގޮންޖެހުންތަކާއި، އެކަންކަމަށް ހޯދެމުންދާ ހައްލުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، އެސްޓޯނިއާގެ ތަޖުރިބާއިން ޢިބްރަތް ޙާޞިލުކުރައްވައި، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމު ހަރުދަނާކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި، އެއް ހަމައެއްގައި މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ދިނުމަށް ހުރި ފަރަގުތައް ޑިޖިޓަލައިޒޭޝަންގެ ތެރެއިން ނައްތާލެވޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުވުން ނިމުނީ ދެ ޤައުމުގެ ދެމެދުގައި ޞިއްޙީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ އުންމީދު އާކުރައްވަމުންނެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވޭ ބައްދަލުވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އެސްޓޯނިއާ އެސްޓޯނިއާ
