ބަންގްލަދޭޝް އިން އިންޑިޔާ ބޯޑަރު ސަރަހައްދު ގައި ތުރުކީ ޑްރޯންތައް ބޭނުން ކުރަން ފަށައިފި އެވެ.
މިކަމާ ގުޅިގެން އިންޑިޔާ ސިފައިން ތިބީ އެލާޓްގައި ކަމަށް އިންޑިޔާ ޓުޑޭ އިން ރިޕޯޓްކޮށްފައިވެ އެވެ.
އިންޑިޔާގެ ބޯޑަރާ ކައިރިން ބައިރަކްޓަރު ޓީބީ2 އަންމެނެޑް އެރިއަލް ވެހިކަލްސް (ޔޫއޭވީ) ޑިޕްލޮއި ކުރުމުގެ ރިޕޯޓްތައް އިންޑިޔާ ސިފައިން ދަނީ ޔަގީން ކުރަމުން ކަމަށް މަސްދަރުތަކުން ބުނެފައިވެ އެވެ. މި ޑްރޯންތަކަކީ ދާދި ފަހުން ބަންގްލަދޭޝް އިން ހޯދާފައިވާ ތަކެތި ކަމަށްވެ އެވެ.
ހުޅަނގު ބެންގަލް ކައިރީގައި ތުރުކީން އުފައްދާފައިވާ ޑްރޯންތައް ބަހައްޓާފައިވާ ކަމަށް ރިޕޯޓްތައް ބުނާ ދަނޑިވަޅެއްގައި އިންޑިއާއިން ވަނީ ބަންގްލަދޭޝް ބޯޑަރުގައި ސަވައިލެންސް ވަރުގަދަކޮށްފަ އެވެ. އިންޑިޔާއިން އެލާޓް ލެވެލް މަތި ކުރީ ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިހް ހަސީނާގެ އަވާމީ ލީގުގެ ސަރުކާރު ވެއްޓުމަށް ފަހު ބޯޑަރު ސަރަހައްދުތަކުގައި ޓެރަރިސްޓް ހަރަކާތްތައް އިތުރުވެފައިވާ ކަމަށް ޖާސޫސީ އިންޓެލް މައުލޫމާތުތަކުން ދައްކާތީ އެވެ.
މި ޑްރޯންތައް އޮޕަރޭޓް ކުރަނީ ބަންގްލަދޭޝްގެ 67 ވަނަ ސިފައިންގެ ޖާސޫސީ، ސަވައިލެންސް، އަދި ރިކޮނައިސަންސް މިޝަންތަކަށެވެ. ބަންގްލަދޭޝް އިން ބުނީ މި ޑިޕްލޮއިމަންޓަކީ ދިފާއީ ބޭނުމަކަށް ކަމަށެވެ. ނަމަވެސް، މިފަދަ ޒަމާނީ ޑްރޯންތައް ނާޒުކު ސަރަހައްދެއްގައި ބެހެއްޓުމުގެ ސްޓްރެޓެޖިކް މުހިންމުކަން އިންޑިއާއިން ފާހަގަކޮށްފައެއް ނުވެ އެވެ.
އިންޑިޔާގެ އިންޓެލް އިން ބުނާ ގޮތުގައި ހަސީނާގެ ވެރިކަމުގައި ބަންގްލަދޭޝްގެ ހަރުކަށި ފިކުރުގެ މީހުންގެ ނިރުބަވެރި ހަރަކާތްތައް ހުއްޓުވާފައިވެ އެވެ. ނަމަވެސް މިހާރު އެކަން އިންޑިޔާއާއި ބަންގްލަދޭޝްގެ ބޯޑަރ ސަރަހައްދުގައި އަލުން ފެށުމުގެ ނުރައްކާ އެބައޮތް ކަމަށް އިންޑިޔާއިން ގަބޫލު ކުރެ އެވެ. އަދި ގަވާއިދާ ހިލާފަށް މަނާ ތަކެތިވެސް އިންޑިޔާއަށް އެތެރެކުރުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށްވެސް ބުނެ އެވެ.
އިންޑިޔާ އަސްކަރިއްޔާއިން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރަށްވެސް، އިންޑިޔާގައި ތިބި ބަންގްލަދޭޝްގެ ބައެއް ހާރިޖީ ސިޔާސީން އަނބުރާ ގައުމަށް ގޮސްފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.
