ދެތިން ލޭ ތިއްކަކުން 12 ވައްތަރެއްގެ ކެންސަރު ދަނެގަންނަ ޓެސްޓެއް އުފައްދައިފި

Advertisement

އެންމެ ފަސް

Advertisement

12 ވައްތަރުގެ ކެންސަރު ދެނެގަނެވޭނެ ލޭގެ ޓެސްޓެއް އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއްގެ ސައިންސްވެރިން އުފައްދައިފި އެވެ.

މިއީ ކެންސަރު ދަނެގަތުމަށް މިހާރު ހަދަމުން އަންނަ ޓެސްޓުތަކުގެ ބަދަލުގައި، ބަލި އަވަހަށް ދަނެގަނެ ފަރުވާ ދިނުމަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. އަދި މިހާރު ކެންސަރަށް ޓެސްޓު ކުރަން ހަދަންޖެހޭ ސްކޭންތަކާއި، ޓެސްޓުތަކުގެ ނަތީޖާ ނުލިބި ގިނަ ދުވަސްވާވުން ނިމުމަކަށް އަންނާނެ އެވެ.

މި ޓެސްޓު މެދުވެރިކޮށް ލޭގެ ދެތިން ތިކިއަކުން ފުއްޕާމޭ، އުރަމަތި އަދި އިތުރު ބައެއް ބާވަތްތަކުގެ ކެންސަރުވެސް ދަނެގަނެވޭނެ އެވެ.

އިންގެރޭސިވިލާތުގެ ހެލްތު ސެކެރެޓަރީ ވެސް ސްޓްރީޓިން ވިދާޅުވި ގޮތުގައި މި ޓެސްޓުތައް އުފައްދާފައިވަނީ ޔުނިވާސިޓީ އޮފް ސައުތުހެމްޓަންގެ ޓީމަކުންނެވެ. އަދި އެ ޓީމުން އަންނަނީ ކެންސަރު ބައްޔަށް އެކި ފަރުވާތައް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ޕާސަނަލައިޒްޑް އިމިއުނޯތެރަޕީ ޓްރީޓްމަންޓްތައް ހިމެނޭ ގޮތަށް 148 މިލިއަން ޕައުންޑްގެ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ އިންވެސްޓްމަންޓް ހިއްސާކުރެވޭނެ ސިލްސިލާ އާ އުފެއްދުންތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން ކެންސަރުގެ އަވަސް އަލާމާތްތައް ދެނެގަތުމަށް އެހީތެރިވެދޭ އަގުހެޔޮ ސްކޭނަރުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެ ޓީމުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޤައުމުގެ އެންއެޗްއެސްގައި ހުރި މައުލޫމާތުތައް ބޭނުންކޮށްގެން އާޓިފިޝަލް އިންޓަލިޖެންސް މެދުވެރިކޮށް، ކެންސަރު ދަނެގަތުމާއި ފަރުވާ ދިނުމުގެ ނިޒާމެއް ތަރައްޤީކުރުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެއިތުރުން ޔުނިވާސިޓީ ކޮލެޖް ލަންޑަން، ޔުނިވާސިޓީ އޮފް ލިވަޕޫލް، ޔުނިވާސިޓީ އޮފް ބްރިސްޓަލް، ޔުނިވާސިޓީ އޮފް ގްލާސްގޯ އަދި ޔުނިވާސިޓީ އޮފް އެޑިންބާގްގައި ރިސާޗް ހަބްތައް އުފައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ”ކަޓިން އެޖް ޓްރީޓްމަންޓް“ އުފެއްދުމަށް އެހީތެރިވެދޭނެ ކަމަށް ސްޓްރީޓިންގް ވިދާޅުވި އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރެއްގެ މައްޗަށް އެކި ބާވަތްތަކުގެ ކެންސަރު ބަލިތަކުގައި ދުނިޔޭން 10 މިލިއަނެއްހާ މީހުން މަރުވެ އެވެ. ރާއްޖޭގައިވެސް ކެންސަރު ބައްޔަކީ ވަރަށް އާންމު ބައްޔެކެވެ. އަދި އަހަރެއްގެ މައްޗަށް އަލަށް ރިޕޯޓްކުރާ ކެންސަރުގެ ކޭސްތަކާއި، މަރުވާ މީހުންގެ އަދަދުތައް ރާއްޖޭގައިވެސް އަންނަނީ އިތުރުވަމުންނެވެ.

ކެންސަރު ބަލި އިނގެރޭސިވިލާތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ