ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އިން އިޒްރޭލްގެ ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ވަޒީރުންނާ ދެކޮޅަށް ފިޔަވަޅު އަޅައި، އެ ޤައުމަށް އެތެރެވުން މަނާކޮށް، އެ ޤައުމުގައި ހުރި އެ ދެ ވަޒީރުންގެ އެސެޓްތައް ހިފަހައްޓައިފި އެވެ.
މި ފިޔަވަޅުތައް އަޅާފައިވަނީ ގާޒާއާ ގުޅޭގޮތުން އެ ދެ ވަޒީރުން ދައްކާފައިވާ ވާހަކަތަކާ ގުޅިގެންނެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ އިޒްރޭލް ސަރުކާރުގެ ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ވިސްނުން ގެންގުޅޭ އެ ޤައުމުގެ ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އަދި ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވިރުއާ ދެކޮޅަށެވެ.
ޔޫކޭގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވިދާޅުވި ގޮތުގައި މި ދެ ވަޒީރުން ވަނީ ”އަނިޔާވެރިކަމަށް ހިތްވަރުދީ، ފަލަސްތީނުގެ އިންސާނީ ޙައްޤުތަކަށް ބޮޑެތި އަނިޔާތައް ކޮށްފައި“ ކަމަށެވެ.
މި ފިޔަވަޅުތަކާ ގުޅިގެން އިޒްރޭލުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އިޒްރޭލްގެ ފޮރިން މިނިސްޓަރު ގިޑިއަން ސާރު ވިދާޅުވެފައިވަނީ މި ”ޤަބޫލުނުކުރެވޭ ނިންމުމަށް“ ކަމަށެވެ. އަދި ޔޫކޭއަށް ރައްދު ދިނުމަށް އަންނަ ހަފްތާގައި ކެބިނެޓް ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ފޮރިން އޮފީހުން އިތުރަށް ބުނީ ”ޕާޓްނަރުން ކަމަށްވާ އޮސްޓްރޭލިއާ، ކެނެޑާ، ނިއުޒީލެންޑް އަދި ނޯވޭއާ އެކު، ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ޖަމާއަތްތަކާ ދެކޮޅަށް އިސްރާއީލުގެ ވަޒަންވެރިންގެ ފަރާތުން އިތުރުވަމުންދާ އަނިޔާވެރިކަމާއި ބިރުދެއްކުން ހުއްޓާލަން ޖެހޭކަން އިނގިރޭސިވިލާތަށް ސާފު“ ކަމަށެވެ.
މި ފިޔަވަޅުތައް އަޅާފައިވަނީ ގާޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ޤައުމުތަކުން އިޒްރޭލްގެ ސަރުކާރަށް ފިއްތުން އިތުރުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ޔޫކޭ އިން ބުނެފައިވަނީ ގާޒާގައި ވަގުތުން ހަނގުރާމަ ހުއްޓުވުމަށާއި، ހަމާސްގެ އަތުގައި ތިބި ރަހީނުން ދޫކޮށްލުމަށާއި، އިންސާނީ އެހީ އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
