ރާއްޖޭގައި އިންވެސްޓް ކުރުމަށް ކުވެއިތުގެ އިންވެސްޓަރުންނަށް ދައުވަތުދީފި އެވެ.
ރާއްޖޭގައި އިންވެސްޓް ކުރުމަށް ކުވެއިތު އިންވެސްޓަރުންނަށް ދައުވަތު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުވޭތުގެ ވަލީޢަހްދު އަދި އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ކުވޭތުގެ ވަފުދުގެ އިސްވެރިޔާ، ޝައިޚް ޞަބާޙް އަލް ޚާލިދު އަލް ޙަމަދު އަލް މުބާރަކް އަލް ސަބާޙްއާ ބައްދަލުކުރެއްވުމުގެ ތެރެއިން ނެވެ. މި ބައްދަލުވުން އޮތީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގަ އެވެ.
މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުވޭތު ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމަށްޓަކައި، އަދި ވަކިން ހާއްސަކޮށް ސިއްހީ ދާއިރާއަށް ދޭ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ. މީގެ އިތުރުން، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކުރުން ހިމެނޭހެން ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ހާސިލުކުރުމަށް ދެއްވާ އަހައްމިއްޔަތުކަން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގައި އިންވެސްޓްކޮށް، ރާއްޖޭގެ ތަރައްގީގައި ބައިވެރިވުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ކުވޭތުގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވާފަ އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ކުވޭތުގެ ވަލީއަހްދު ވަނީ ދެ ގައުމުން އިސްކަންދޭ އަދި ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން އެކުގައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ކުރިމަގުގައި ދެ ގައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ މަޝްވަރާ ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ކުވެއިތް
