ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި އިންގްލެންޑް ބަލިކޮށް، ސްޕެއިން އިން ހަތަރު ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.
މި މުބާރާތް ފެށުމުގެ ކުރިން، ސްޕެއިން އާއި ޖަރުމަނުން ވަނީ ތިން ފަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. މިއަހަރުގެ މުބާރާތް ކާމިޔާބުކޮށް، ސްޕެއިން އިން ވަނީ އެންމެ ގިނަ ފަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރި ޓީމުގެ ޝަރަފު ހޯދާފަ އެވެ. އެ ޓީމުން މިއަހަރުގެ މުބާރާތް ކާމިޔާބުކުރީ ކުޅުނު ހުރިހައި މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާއެކު އެވެ.
ރޭ ކުޅުނު ފައިނަލް މެޗުން ސްޕެއިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.
ސްޕެއިން ޓީމަށް އެންމެ ބޮޑު މައްސަލައަކަށް ދިމާވީ، އަނިޔާގެ ސަބަބުން ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، ރޮޑްރީ ބަދަލު ކުރަން ޖެހުމުންނެވެ. އޭނާ ބަދަލުކޮށްފައިވަނީ ހާފު ގަޑީގަ އެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ލަމީން ޔަމާލް ދިން ރީތި ޕާހަކުން، ނިކޯ ވިލިއަމްސް ވަނީ ލަނޑެއް ޖަހައި، ސްޕެއިން އަށް ކުރިހޯދަދީފަ އެވެ.
އިންގްލެންޑުން ވަނީ ކެޕްޓަން ހެރީ ކޭންގެ ބަދަލު ވޮޓްކިންސް، އަދި ކޮބީ މެއިނޫގެ ބަދަލު ކޯލް ޕާމާ ކުޅެން ނެރެފަ އެވެ. މިއާއެކު އެ ޓީމުގެ އެޓޭކް، ކުރިޔަށްވުރެ ރަނގަޅުވެފައިވެ އެވެ. މެޗުގެ 73 ވަނަ މިނެޓުގައި، ޖޫޑް ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތަކުން ޕާމާ ވަނީ ލަނޑެއް ޖަހައި، އިންގްލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ޕާމާ ލަނޑު ޖަހާފައިވަނީ ކުޅެން ނިކުތްތާ ތިން މިނެޓު ފަހުންނެވެ.
މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް މާކް ކުކުރޭލާ ނަގައިދިން ހުރަހަކުން، މިކޭލް އޮޔާޒަބާލް ވަނީ ލަނޑެއް ޖަހައި، ސްޕެއިން މޮޅުކޮށްދީފަ އެވެ. ދެވަނަ ހާފުގައި އޮޔާޒަބާލް ކުޅެން ނިކުތީ އަލްވާރޯ މޮރާޓާގެ ބަދަލު އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްޕެއިންގެ ނިކޯ ވިލިއަމްސް އެވެ.
މިއާއެކު އިންގްލެންޑް ވަނީ ވިދިވިދިގެން ދެވަނަ ޔޫރޯގެ ފައިނަލުން ބަލިވެފަ އެވެ. އެންމެ ފަހުން ކުޅުނު ޔޫރޯ މުބާރާތުގެ ފައިނަލުގައި އިޓަލީ ކައިރިން އިންގްލެންޑް ބަލިވީ ޕެނަލްޓީ ޖަހައިގެނެވެ.
މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްޕެއިންގެ ރޮޑްރީ އެވެ. އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެ ޓީމުގެ ލަމީން ޔަމާލް އެވެ.
