ގާތްގަނޑަކަށް ކޮންމެ 5 މީހަކުން 1 މީހެއް ނަފްސާނީ ބައްޔެއެއް ތަހައްމަލުކުރާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ވީމާ ތިބާގެ ދިރިއުޅުމުގެ ބައިވެރިޔާވެސް ނަފްސާނީ ބަލި ތަހައްމަލުކުރުން އެކަށީގެން ވެއެވެ. ނަފްސާނީ ބަލި ހުންނަ މީހަކާ އެކު އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޖިސްމާނީ ބަލިތަކެކޭ އެއްވަރަށް ނަފްސާނީ މައްސަލަތަކަކީވެސް ކަންބޮޑުވާން ޖެހޭ ކަމެކެވެ. ކައިވެންޏަކީ ވަރަށް ފަސޭހައިން ރޫޅިގެންދާ ކަމަކަށްވާއިރު ނަފްސާނީ ބަލިމަޑުކަމަކީ ބައެއް ފަހަރު ކައިވެންޏެއް ރޫޅިގެން ދިއުމަށް މެދުވެރިވާ ސަބަބެކެވެ. ރާއްޖޭގައިވެސް ނަފްސާނީ ބަލިތަކަށް ބޭސްކުރާ މީހުން މަދެއް ނޫނެވެ. ނަފްސާނީ ބަލިތަކުގެ އެކި ވައްތަރުތައް ހުންނައިރު އެކި މީހުންނަށް ބަލި ތަހައްމަލުކުރެވޭނީ އެކި މިންގަނޑަށެވެ. ގިނަ މީހުންނަށް ބޭހާއި ނުލާވެސް ނަފްސާނީ ބަލިތަކުން އަރައިގަނެވޭނެ އެވެ.
ބައެއް ކައިވެނިތަކުގައި ބައިވެރިޔާގެ ނަފްސާނީ ހާލަތު ފުރިހަމަ ނުވިޔަސް ކައިވެނި ސަލާމަތް ވެއެވެ. ނަފްސާނީ ބަލި ޖެހިފައިވާ މީހުންނަށް ބޭނުންވާ ފަރުވާއާއި ބޭސް ލިބި، އުފާވެރި ކައިވެންޏަކާއި ފުރިހަމަ ދިރިއުޅުމެއް ކުރިއަށް ގެންގޮސްފައިވާ ހާލަތްތައްވެސް މަދެއް ނޫނެވެ. ނަމަވެސް އަނބިމީހާ ނުވަތަ ފިރިމީހާގެ ނަފްސާނީ ބަލީގެ ސަބަބުން ބައިވެރިޔާއަށް ކުރިމަތިލާން މާ އުނދަގޫވެ، އާހިރުގައި ވަރިވާން ޖެހޭ ހާލަތްތައްވެސް މެދުވެރި ވެއެވެ.
ކޮންމެ މީހަކުވެސް ތަފާތުވާނެ އެވެ. ވުމާއެކު، ކޮންމެ ކައިވެންޏަކީވެސް ތަފާތު ކައިވެންޏެކެވެ. ލޯބިވާ މީހާގެ ނަފްސާނީ ބައްޔެއް ހުރިނަމަ، އެއީ ތިބާގެ ގުޅުމުގައި އިސްނެގުމުގެ ދައުރެއް އަދާކުރުމަށް މަޖުބޫރުކުރުވާ ކަމެކެވެ. މިއީ ހަމަ ޔަގީނުންވެސް ސްޓްރެސްއާއި، ހާސްކަމާއި، ނުތަނަވަސް ކަމަށް މަގުފަހިކުރުވާ ހާލަތެކެވެ. އެކަމަކު ކައިވެނީގެ މުގައްދަސް ގޮށް މޮހާލަން ވާނީ ގޮތް ހުސްވާ ހިސާބުން ނެވެ. ސަބަބަކީ ތިބާ އެމީހަކާއި ކައިވެނިކުރީވެސް ކޮންމެ ހާލަތެއްގައިވެސް އެކީގައި އުޅޭނެ ކަމުގެ ވައުދާއި އެކީ އެވެ.
އެ ހުރިހާ ކަމެއް ބިނާވެފައި އޮންނަނީ ތިމާއަށް ކެތްކުރެވޭނެ މިންވަރުގެ މައްޗަށެވެ. ނަފްސާނީ ބައްޔެއް ހުންނަ އަނބިމީހާ ނުވަތަ ފިރިޔަކާއިއެކު ކާމިޔާބު ކައިވެންޏެއް ދަމަހައްޓަން ބޭނުންނަމަ މުއާމަލާތް ކުރުމާއި ހިތްވަރު ލައިދިނުމުގެ އިތުރުން އަމިއްލަ ނަފްސުވެސް ރަނގަޅަށް ބެލެހެއްޓުމަށް އާދަ ކުރަން ޖެހޭނެ އެވެ.
ބައިވެރިޔާއަށް ފުރިހަމަ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެވިދާނެ ގޮތްތަކަށް މި ލިޔުމުގައި އަލި އަޅުވާލާފައި ވެއެވެ.
މީހެއްގެ ކިބައިގައި ނަފްސާނީ ބައްޔެއް ހުރިތޯ ދެނެގަންނަން ވަކި ހާއްސަ އެއްވެސް ޓެސްޓެއް ނެތެވެ. ނަފްސާނީ ކޮންމެ ބައްޔެއްގައިވެސް ވަކި ހާއްސަ އަލާމާތްތަކެއް ހުރި ނަމަވެސް، ނަފްސާނީ ބަލީގެ އަލާމާތްތަކަކީ ކިތަންމެހާވެސް އާންމު އަލާމާތްތަކެކެވެ.
އޭގެ ތެރޭގައި ހިމެނޭ ބައެއް އަލާމާތްތަކަކީ:
- މާބޮޑަށް މާޔޫސްވުން
- ނިދުމަށް އުނދަގޫވުން ނުވަތަ ވަރުބަލިކަން އިހުސާސްވުން
- ރުޅިވެރިކަމުގެ ނުވަތަ ރުޅިގަދަވުމުގެ އިހުސާސްތައް ގިނަވުން
- އަމިއްލައަށް މަރުވުމުގެ ހިޔާލުތައް އުފެދިގެން ދިއުން (ބައެއް ކޭސްތަކުގައި)
- މޫޑް ސްވިންގްސް
- ރައްޓެހިންނާއި ދުރުވުން
- އިޖުތިމާއީ ހަރަކާތްތަކުން ދުރުވުން
- ކާހިތްވުމަށް އަންނަ ބަދަލުތައް
މި އަލާމާތްތައް އަނބިމީހާ ނުވަތަ ފިރިމީހާ ކިބައިން ފެންނަނަމަ، ނަފްސާނީ ބަލީގެ ޑޮކްޓަރަކާއި ވާހަކަ ދައްކައި އެކަން ޔަގީން ކުރަން ޖެހެ އެވެ.
.ނަފްސާނީ ސިއްހަތުގެ އުދަނގޫތަކަކީ ހުއްޓުވޭނެ ކަމެއް ނޫން ނަމަވެސް ތެރަޕީ ނުވަތަ އެހެން ގޮތަކަށް ކައުންސެލިންގއަށް ހާޒިރުވުމުން މިހާރު ހުރި ބަލި ގޯސްވުން ހުއްޓުވޭނެ އެވެ. އާންމުކޮށް ނަފްސާނީ ބަލިތަކަށް ހުށަހެޅެނީ މާޒީގައި ހިނގާފައިވާ ކަންތައްތަކުގެ ސަބަބުން ކަން އެނގުން މުހިންމެވެ.
* ބަލި ދެނެގަތުން
ޕެނިކް އެޓޭކް ފަދަ ސީރިއަސް އަލާމާތްތަކަކީ އާންމުކޮށް ދެނެގަންނަން ފަސޭހަ އަލާމާތްތަކަކަށްވިޔަސް، އަނބިމީހާ ނުވަތަ ފިރިމީހާ ތަޖުރިބާ ކުރަމުންދާ ކަންތައްތައް ރަނގަޅަށް ދެނެގަތުމަށްޓަކައި، އެމީހުންގެ ނަފްސާނީ ބަލީގެ އަލާމާތްތައް ދިރާސާ ކުރަން ޖެހެ އެވެ. އަދި ނަފްސާނީ ބަލިމަޑުކަމާ ގުޅޭގޮތުން އެމީހުންގެ އަމިއްލަ ތަޖުރިބާތަކުގެ ވާހަކަވެސް ބައިވެރިޔާ ކައިރިން އަހަން ޖެހެ އެވެ. ބައިވެރިޔާއާ ވާހަކަ ދެއްކުމުގެ އިތުރުން ހާއްސަ މެޑިކަލް ޕްރޮފެޝަނަލުންނާއި ކައުންސެލަރުންގެ ލަފާ ހޯދާ ށެވެ. އޮންލައިންކޮށް ނުވަތަ ކުތުބުހާނާއިންވިޔަސް މި ބައްޔާއި ބެހޭ އިތުރު މައުލޫމާތު ހޯދިދާނެ އެވެ. އިންޓަނެޓްގައި ގިނައިން ގޯސް މައުލޫމާތުތަކެއް ހުރެދާނެތީ، މެންޓަލް ހެލްތު އެމެރިކާ، ނޭޝަނަލް އެލަޔަންސް އޮން މެންޓަލް އިލްނެސް (އެންއޭއެމްއައި)، އަދި ޑިޕްރެޝަން އެންޑް ބައިޕޯލާ ސަޕޯޓް އެލަޔަންސް (ޑީބީއެސްއޭ) ފަދަ އިތުބާރު ހުރި ވެބްސައިޓްތަކާއި ޖަމިއްޔާތަކުން މައުލޫމާތު ހޯދަން ސަމާލުކަން ދޭ ށެވެ.
* ރަނގަޅަށް މުއާމަލާތްކުރުން
އަނބިމީހާ ނުވަތަ ފިރިމީހާގެ ނަފްސާނީ ބަލިމަޑުކަމުގައި އެހީތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން އަހާ ށެވެ. އަދި ޒުވާބު ކުރުމުން ދުރުހެލިވާ ށެވެ. ނަފްސާނީ ބަލި ހުންނަކަން އެނގުމުގެ ކުރިންވެސް އާންމުކޮށް އޭނާއާއި ދޭތެރޭ އަމަލުކުރާ ގޮތަށް ކަންތައް ކުރުމަށް މަސައްކަތް ކުރާ ށެވެ. ނަފްސާނީ ބަލިތައް ހުންނަ މީހުންނަކީ އެމީހުންގެ ފަރުވާއާއި ރަނގަޅު ދިރިއުޅުމެއް ހޯދުމަށް އަމިއްލައަށް ޒިންމާވާންވެސް ޖެހޭ ބައެކެވެ. އެހެންކަމުން، އެމީހުންގެ ”އަސާގަނޑަށް“ ނުވާށެވެ. ނަމަވެސް ބައިވެރިޔާ ހާސްކުރުވަނިވި އަލާމާތްތަކުން ރަނގަޅުވަމުންދާއިރު ނުވަތަ ފަރުވާ ހޯދަމުންދާއިރު އޭނާއަށް ފަސޭހަކޮށްދޭ، އެއްބާރުލުން ފޯރުކޮށްދޭ މީހަކަށް ވުމީ މުހިންމު ފިޔަވަޅެކެވެ.
* އެހެންމީހުންގެ ލަފާ ހޯދުން
ބައިވެރިޔާގެ ނަފްސާނީ ބަލީގެ އަލާމާތްތަކާއި ކުރިމަތިލުމުގައި އެކަނި ވާން ނުޖެހެ އެވެ. މިފަދަ ހާލަތްތަކެއް ތަހައްމަލުކޮށްފައިވާ އެތައް ހާސް ބަޔަކު ތިބިއިރު، އެމީހުންނަށް ތިބާއަށް ހަމްދަރުދީއާއި ނަސޭހަތް ފޯރުކޮށްދެވޭނެ އެވެ. އަދި ތިބާގެ ގުޅުން ކުރިއަށް ގެންދާނެ ގޮތް ރަނގަޅަށް ވިސްނޭނެ ގޮތަށް ކަޕްލްސް ތެރަޕީގައި ދެމަފިރިން ކައުންސެލިންގއަށް އެކުގައި ބައިވެރިވުމަކީ ތިމާއާއި ނަފްސާނީ ބަލި ހުންނަ ބައިވެރިޔާއަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ވެދާނެ އެވެ. އެކި ކަންތައްތައް ތަޖުރިބާކޮށްފައިވާ މީހުންގެ ހިޔާލު ހޯދުމަށް ރެޑިޓް ފަދަ ވެބްސައިޓްތަކުގައި އޮންލައިންކޮށް ފޯރަމްތަކެއްވެސް ހުރެ އެވެ.
* ނަފްސާނީ ބަލިމީހެއްކަން އިހުސާސްނުކުރުވާ
އޭނާއާއި ކައިވެނިކުރީ ކީއްވެކަން ހަނދާން ކުރާ ށެވެ. މާނައަކީ އޭނާ ދެކެ ލޯބިވެވިގެން ކައިވެންޏާއި ހަމައަށް ދިޔަ ސަބަބު ހަނދާން ކުރާ ށެވެ. އަދި އޭނާ ދެކެ ލޯބިވާކަން އިހުސާސްކޮށްދޭ ށެވެ. އެކުގައި ވަގުތު ހޭދަކުރުމާއި، އެކަކު އަނެކަކަށް ލޯބި ފާޅުކުރުން މިއީ ނަފްސާނީ އުނދަގޫތަކަށް އޮތް އެއް ފަރުވާއެކެވެ. ނަފްސާނީ ބައްޔަކީ ގޮންޖެހުމެކެވެ. އެހެންނަމަވެސް ފާޅުކަން ބޮޑު ގޮތެއްގައި މުއާމަލާތް ކުރުމާއި ކޮންމެ ދުވަހަކުވެސް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމުން ސިއްރުތަކަކަށް ނުވަތަ ޝައްކު އުފެދޭ ހާލަތްތަކަށް ޖާގައެއް ނުދެވޭނެ އެވެ.
* އަމިއްލަ ނަފްސުގެ ދުޅަހެޔޮކަން
ނަފްސާނީ ބައްޔެއް ހުންނަ މީހަކާ އެކު އުޅޭއިރު ކުރުން އެންމެ ލާޒިމް އެއްކަމަކީ އަމިއްލަ ނަފްސަށް ފަރުވާތެރިކަން ދިނުމެވެ. ތިމާގެ ނަފްސާނީ ސިއްހަތަށް އިސްކަން ނުދޭނަމަ އަނެކާގެ ހާލަތަށް ވިސްނަން ދަތިވާނެ އެވެ. އެހެންވީމާ، ހަމަޖެހުން އިހްސާސް ކުރެވޭފަދަ ކަންތައްތައް ކޮށް، ސިކުނޑި ހަމަޖެހުމެއްގައި ބެހެއްޓުން މުހިންމެވެ. ކޮންމެ ދުޅަހެޔޮ ގުޅުމެއްގައިވެސް، އުފާވެރިކަން ގެނެސްދޭ ހަރަކާތްތަކާއި ޝައުގުވެރި ކަންތައްތައް ކުރިއަށް ގެންދިއުންވެސް މެއެވެ. އަމިއްލަ ސިއްހަތަށް އަޅާލައިގެން މެނުވީ ބައިވެރިޔާއަކަށްވެސް އެހީނުވެވޭނެ އެވެ.