ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން ނަފްސާނީ ސިއްހީ ޚިދުމަތްތައް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަމާޒުކޮށް ނެޝަނަލް މެންޓަލް ހެލްތު ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި އެވެ.
މި އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ”ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން ނަފްސާނީ ސިއްހީ ޚިދުމަތްތައް ހުރިހާ ރައްޔިތުންނަށް ވެސް ލިބޭނެކަން ކަށަވަރުކުރުމަކީ މި ޕްލޭންގެ މައިގަނޑު އެއް އަސާސް“ ކަމަށެވެ.
5 އަހަރުގެ މުއްދަތަށް އެކުލަވާލެވިފައިވާ މި އެކްޝަން ޕްލޭންގެ މައިގަނޑު މަޤްސަދަކީ ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް ހަރުދަނާކުރުމާއި، ފަރުވާގެ ކަންކަން ފުޅާކުރުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއެކު ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމެވެ.
މި އެކްޝަން ޕްލޭން އެކުލަވާލުމުގައި ޑަބްލިޔުއެޗްއޯ، ޔުނިސެފް އަދި އޮސްޓްރޭލިއާ ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ރަސްމިއްޔާތުގައި ޑަބްލިޔުއެޗްއޯގެ އެކްޓިން ކަންޓްރީ ރެޕްރެޒެންޓޭޓިވް މިސް ޕޭޑަންއާއި، ޔުނިސެފްގެ މަންދޫބު އެޑްވަޑް އެޑާއީގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނާއި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ސިއްހީ ޚިދުމަތްތެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި އެކްޝަން ޕްލޭން އިފްތިތާހުކުރުމާއެކު ރާއްޖޭގެ ނަފްސާނީ ސިއްހީ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ގިނަ ރައްޔިތުންނަކަށް މި ޚިދުމަތް ފޯރުކޮށްދެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ބެލެވެ އެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ނަފްސާނީ ބަލި މިނިސްޓްރީ އޮފް ހެލްތް