ނަފްސާނީ ދުޅަހެޔޮ ކަމަކީ ފަރުދުންނާއި، އާއިލާތަކާއި އަދި މުޅި ގައުމުގެވެސް ބިންގާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ހައްގެއް ކަމަށެވެ.
”އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ނަފްސާނީ ދުޅަހެޔޮ ކަމަކީ ފަރުދުންނާ، އާއިލާތަކާއި ގައުމުގެ ވެސް ބިންގާ. އެއީ އިންސާނީ ހައްގެއް،“ ރައީސް ވިދާޅުވި އެވެ.
މިއަހަރުގެ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިޢާރު އަމާޒުކޮށްފައިވަނީ އިންސާނީ ކާރިސާތަކުގައި ނަފްސާނީ ދުޅަހެޔޮ ކަމަށެވެ. މިގޮތުން ފަލަސްޠީނުގެ ރައްޔިތުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މިވަގުތު ކުރަންޖެހިފައިވާ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، އެކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވާފައިވެ އެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި އިސްކަންދެއްވައި، ސަރުކާރުން މިދާއިރާ ހަރުދަނާ ކުރުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދެ އެވެ. ޚާއްޞަކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންކަމާއި، ސިއްހީ ގޮތުން ކުރިމަތިވާ ހާލަތްތަކުގައާއި އިންސާނީ ކާރިސާތަކަށް އިޖާބަދިނުމުގައި ނަފްސާނީ އެހީތެރިކަމުގެ ދައުރު ފުޅާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަން ފެށީ 1992 ވަނަ އަހަރު، ވޯލްޑް ފެޑެރޭޝަން ފޮރ މެންޓަލް ހެލްތުގެ ވޯލްޑްވައިޑް އެޑްވޮކަސީ އެންޑް އެވެއަރނެސް އިނީޝިއޭޓިވްގެ ދަށުންނެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
