ފަލަސްތީނުގެ ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރާ ބޯޓުތަކުގެ ތެރެއިން ބޯޓަކަށް އިތުރު ހަމަލާއެއް ދީފި އެވެ.
ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރަމުންދާ ފްލީޓުގައި 50 އަށްވުރެ ގިނަ ބޯޓު ހިމެނެ އެވެ. އެ ބޯޓުތަކުގެ ތެރޭގައި ހިމެނޭ މައި ބޯޓަށް ފުރަތަމަ ޑްރޯން މެދުވެރިކޮށް ހަމަލާދީފައިވަނީ އަންގާރަ ދުވަހު އެވެ.
އެހި ހިފައިގެން ދަތުރުކުރާ ބޯޓުތަކުގައ ހިިމެނޭ ބޯޓަކަށް ބުދަ ދުވަހުވެސް ވަނީ ޑްރޯން މެދުވެރިކޮށް ހަމަލާ ދީފަ އެވެ. ހަމަލާދީފައިވަނީ ބޯޓު ޓިއުނޭޝިއާގެ ބަނދަރެއްގައި އޮށްވަ އެވެ. މި ހަމަލާގައި މީހަކަށް އަދި ބޯޓަށް ގެއްލުމެއް ވެފައިނުވާ ކަމަށް ބޭރު މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޯޓަށް ހަމަލާ ދިނުމުގެ ސަބަބުން ބޯޓުގައި އަލިފާން ރޯވެ އެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
މި ހަމަލާތަކާއި ގުޅިގެން ފަލަސްތީނަށް ހާއްސަކޮށްފައިވާ ޔޫއެންގެ ސްޕެޝަލް ރެޕެޓުއާ ވިދާޅުވީ، ބޯޓުތަކަށް ހަމަލާދީފައިވަނީ ޑްރޯން މެދުވެރިކޮށް ކަމަށް ބެލެވޭ ކަމަށެވެ.
ޣައްޒާއަށް އެހީ ހިފައިގެން ބޯޓުތައް ދަތުރުފެށީ ސްޕެއިންއިން އޮގަސްޓް 31 ވަނަ ދުވަހު އެވެ. މި ބޯޓުތައް ޓިއުނޭޝިއާ ކަނޑުގެ ސަރަހައްދުގައި މިހާރު އޮތްއިރު، މި ބޯޓުތަކަށް ޓިއުނޭޝިއާގެ ބޯޓުތައްވެސް ގުޅޭކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް 8 ވަރަކަށް ދުވަސްތެރޭގައި މި ބޯޓުތައް ޣައްޒާގެ ސަރަހައްދަށް ދެވޭނެ ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.
އިޒްރޭލުން ޣައްޒާއަށް ހުއްޓުމެއްނެތި ހަމަލާތައް ދެމުންދާއިރު ކާބޯތަކެއްޗާއި އިންސާނީ އެހީ ވެއްދުމުގައި ވަނީ ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިކޮށްފަ އެވެ. އެކަމުގެ ސަބަބުން ޣައްޒާގައި ބަނޑުގައިހޫނުކަން އިއުލާނުކޮށްފައިވާއިރު އެތައް ސަތޭކަބަޔަކު ވަނީ ބަނޑުހައިހޫނުކަމުގައި ޝަހީދުވެފަ އެވެ.