ޣައްޒާ ސިޓީ އަދި އޭގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ބަނޑުހައިހޫނުކަން އުފެދިފައިވާކަމަށް އދ. އިން ބާރުދޭ މުއައްސަސާއެއް ކަމުގައިވާ، އިންޓެގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) އިން އިއުލާންކޮށްފި އެވެ.
އިންޓެގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) އަކީ ދުނިޔޭގެ ބަނޑުހައިހޫނުކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން މޮނިޓަރކުރާ ބައިނަލްއަޤްވާމީ މިންގަނޑުތައް އެކަށައަޅާ އިދާރާ އެވެ. ޣާއްޒާގައި ބަނޑުހައިހޫނުކަން އިއުލާންކުރުމާއެކު، މިއީ އެފްރިކާގެ ބޭރުން އައިޕީސީއިން ކުރި ފުރަތަމަ އިޢުލާނެވެ. 2004 ވަނަ އަހަރު އުފެދުނު މި ނިޒާމުން މިހާތަނަށް އިޢުލާންކޮށްފައިވަނީ އެންމެ ހަތަރު ބަނޑުހައިހޫނުކަމެވެ. އެއީ 2011 ގައި ސޯމާލިއާގައި، އަދި 2017، 2020، އަދި 2024 ގައި ސޫދާނުގައެވެ.
އިންޓެގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) އިން ޣައްޒާ ހާލާތު އެންމެ މަތީ ފަންތި ކަމުގައިވާ ފޭސް 5 އަށް އުފުލާފައިވާއިރު، މި ފަންތިން ދައްކުވައިދެނީ ބަނޑުހައިހޫނުކަމާއި، ނިކަމެތިކަމާއި އަދި ރައްޔިތުން މަރާ ކުރިމަތިލާންޖެހިފައިވާ މިންވަރު އެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް މެދު ޣައްޒާގެ ދެއިރު އަލް-ބަލާހް އަދި ދެކުނުގެ ޚާން ޔޫނިސްގައިވެސް މި ދަރަޖައަށް އަރާނެކަމަށް ލަފާކުރެވެއެވެ.
500,000 އަށްވުރެ ގިނަ މީހުން އެންމެ ނުރައްކާތެރި ޙާލަތުގައި
އައިޕީސީގެ ރިޕޯޓުގައި ބުނާ ގޮތުން މިހާރު ޣައްޒާގެ އެކި ކަންކޮޅުތަކުގައި 500,000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ ފޭސް 5 ގެ ޙާލަތުގައެވެ. އިތުރު 1.07 މިލިއަން މީހުން، ނުވަތަ ޣައްޒާގެ އާބާދީގެ 54 އިންސައްތަ މީހުން ވަނީ ފޭސް 4 ނުވަތަ ”ކުއްލި ނުރައްކަލުގެ“ ޙާލަތުގައެވެ. އަދި 396,000 މީހުން (20 އިންސައްތަ) ވަނީ ފޭސް 3 ނުވަތަ ”ހަލާކުގެ“ ޙާލަތުގައެވެ.
ކުޑަކުދިންނަށް ކުރިމަތިވެފައިވާ ނުރައްކާ
އައިޕީސީގެ އެންމެ ފަހުގެ ސްނެޕްޝޮޓުން ދައްކާ ގޮތުގައި ޖޫން މަހާ ހަމައަށް ޣައްޒާގައި މަދުވެގެން 132,000 ފަސް އަހަރުން ދަށުގެ ކުދިން ކުއްލި ނުރައްކާތެރި ނުކުޅެދުންތެރިކަމާ ކުރިމަތިލާނެއެވެ. މީގެ ތެރޭގައި މަރުވުމުގެ ނުރައްކާ އިތުރަށް ބޮޑުވެފައިވާ 41,000 އަށްވުރެ ގިނަ ނުރައްކާތެރި ޙާލަތުގައިވާ ކުދިން ހިމެނެއެވެ.
މީގެ އިތުރުން، މާބަނޑު އަދި ގާތުން ކިރުދޭ 55,500 އަންހެނުންނަށްވެސް ކުއްލި ނުރައްކަލުގެ ކާނާގެ އެހީތެރިކަން ބޭނުންވާކަމަށް އައިޕީސީން ވަނީ ފާހަގަކޮށްފައެވެ. ”ނުކުޅެދުންތެރިކަމަށް ފަރުވާކުރުމަށާއި ހުއްޓުވުމަށް ބޭނުންވާ ކާނާގެ ތަކެތި ވަނީ ވަދެވޭ މިންވަރު މަދުވުމުގެ ސަބަބުން ހުސްވާން ކައިރިވެފައެވެ. މިކަމުގެ ސަބަބުން ޞިއްޙީ މަރުކަޒުތަކަށް ފަރުވާދިނުން ހުއްޓާލަން ޖެހިދާނެ“ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
