ސައުދީ ސަރުކާރުން އެ ޤައުމުގެ ގްރޮސެރީ ފިހާރަތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާ ތަކެއްޗާއި، ކަދުރު، މަހާއި، މޭވާ އަދި ތަރުކާރީ ވިއްކުން މަނާކޮށްފި އެވެ.
ސައޫދީ އަރަބިއްޔާގެ މުނިސިޕަލިޓީ އަދި ހައުސިންގ މިނިސްޓަރ މާޖިދު އަލް-ހޮގައިލް ވަނީ ވިއްކުން މަނާ ތަކެތި ބަޔާންކޮށް އައު ގަވައިދެއް ނެރެފަ އެވެ.
މި ގަވާއިދަށް ވަގުތުން އަމަލުކުރަން ފަށާއިރު، މިހާރު ހިންގަމުންދާ ތަންތަނަށް އިސްލާހުތައް ގެނައުމަށް މިއަދުން ފެށިގެން 6 މަސްދުވަހުގެ މުއްދަތެއް ދެވޭނެ އެވެ. އައު ގަވާއިދުތަކުގެ ދަށުން ކިއޮސްކުތަކާއި ފިހާރަތަކުގައި ނުވަތަ މިނި މާރކެޓްތަކުގައި އާންމު އަދި އިލެކްޓްރޯނިކް ސިނގިރެޓާއި ޝީޝާ ހިމެނޭގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރާ ތަކެތި ވިއްކުން މަނާ ކުރެވިފައިވެ އެވެ.
ނަމަވެސް މި ތަކެތި ސަޕްލައި ފިހާރަތަކުގައި (ސުޕަރ މާރކެޓް) ވިއްކުމުގެ ހުއްދަ އޮންނާނެ އެވެ. އަދި މަސް ވިއްކުމަށް ވަކި ލައިސަންސެއް ނަގަންޖެހޭނެ އެވެ. މީގެ އިތުރުން ހައިޕަރމާރކެޓްތަކުގައި މި ހުރިހާ އެއްޗެއް ވިއްކުމުގެ ހުއްދަ އޮންނާނެ އެވެ.
އައު ގަވާއިދުތަކުގެ ދަށުން ޗާޖަރ ކޭބަލްތަކާއި ޕްރީޕެއިޑް ރީޗާޖް ކާޑުތައް ފިހާރަތަކާއި، ސުޕަރމާރކެޓްތަކާއި އަދި ހައިޕަރމާރކެޓްތަކުގައި ވިއްކުމުގެ ހުއްދަ ދެވިފައިވެ އެވެ. އަދި ފިހާރަތަކުގެ އެންމެ ކުޑަ ބިމުގެ ބޮޑުމިނަކީ 24 އަކަ މީޓަރު ކަމަށާއި، ސުޕަރމާރކެޓްތަކުގެ އެންމެ ކުޑަ ބިމުގެ ބޮޑުމިނަކީ 100 އަކަ މީޓަރު ކަމަށާއި، ހައިޕަރމާރކެޓްތަކުގެ އެންމެ ކުޑަ ބިމުގެ ބޮޑުމިނަކީ 500 އަކަ މީޓަރު ކަމަށް ވަނީ ކަނޑައަޅާފަ އެވެ.