އިންޑިއާއާ ޕާކިސްތާނާއި ދެމެދު މިސައިލް ހަމަލާތައް ބަދަލުކުރަން ފެށުމާއި ގުޅިގެން ދަވަރުންގެ ރައްކާތެރިކަމަށް ޕަކިސްތާނުގެ ވެރިރަށް، އިސްލާމާބާދުގެ ސުކޫލް ކޮލެޖްތައް ބަންދުކޮށްފި އެވެ.
އޭގެއިތުރުން ހަނގުރާމައިގެ ހަމަލާތައް ބަދަލުކުރާ ކަޝިމީރުގެ ހުރިހާ ސަރަހައްދެއްގެ ސުކޫލްތައްވެސް ވަނީ ބަންދުކޮށްފަ އެވެ. އޭގެތެރޭގައި އިންޑިއާގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައްވެސް ހިމެނެ އެވެ.
އިސްލާމާބާދު ކެޕިޓަލް ޓެރިޓަރީގެ ޑިސްޓްރިކްޓް މެޖިސްޓްރޭޓްގެ އޮފީހުން ބުދަ ދުވަހު ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އިސްލާމާބާދުގެ ސަރުކާރާއި އަމިއްލަ ސްކޫލްތަކާއި ކޮލެޖްތައް އެއް ދުވަހަށް ބަންދުކުރުމަށް ނިންމާފައިވަނީ ޕާކިސްތާނު-އިންޑިއާ ބޯޑަރުގައި މިވަގުތު އޮތް ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން ދަރިވަރުންނާއި މުވައްޒަފުން ރައްކާތެރިކުރުމަށްޓަކަ އެވެ.
އާންމު ކްލާސްތައް ކެންސަލްކުރި ނަމަވެސް، ބުދަ ދުވަހަށް ތާވަލުކޮށްފައިވާ އިމްތިޙާންތައް ކުރިއަށްދާނެ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެ އެވެ. އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް އެއްވެސް އަޕްޑޭޓެއް ނުވަތަ އިތުރު އިރުޝާދެއް ލިބޭތޯ އެ ދަރިވަރުންގެ މަރުކަޒުތަކާ ގުޅުން ބަހައްޓަން ވަނީ އަންގާފަ އެވެ.
އިންޑިޔާއިން ”އޮޕަރޭޝަން ސިންދޫރު“ ގެ ނަމުގައި އޮޕަރޭޝަނެއް ފަށައި، ޕާކިސްތާނާއި ޕާކިސްތާން ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ 9 ސަރަހައްދަކަށް އަމާޒުކޮށް އަސްކަރީ ހަމަލާތަކެއް ވަނީ ދީފަ އެވެ. ބުދަ ދުވަހުގެ ފަތިހު އިންޑިޔާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޤައުމުގެ އަސްކަރިއްޔާއިން ޕާކިސްތާނާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ޖައްމޫ އަދި ކަޝްމީރުގައި ހުރި ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ އަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. އިންޑިޔާއިން ބުނާ ގޮތުގައި މިއީ އެ ޤައުމަށް ހަމަލާދިނުމަށް ރޭވުމަށް ބޭނުންކުރާ ތަންތަނެވެ.
މި ހަމަލާތަކުގެ ސަބަބުން ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި މަދުވެގެން 26 މީހުން މަރުވެފައިވާއިރު، އިންޑިޔާއިން ބުނާ ގޮތުގައި ޕާކިސްތާނުގެ ޝެލިންގ އިން މަދުވެގެން 8 މީހުން މަރުވެފައިވެ އެވެ. މިސައިލް ހަމަލާތައް އަމާޒުކުރެވުނީ ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރާއި ޕާކިސްތާނުގެ އިރުމަތީ ޕަންޖާބު ޕްރޮވިންސްގެ ސަރަހައްދުތަކަށެވެ.