އިސްރާއީލު ހަނގުރާމަވެރި ބާރުތަކުން ޣައްޒާގެ އުތުރުގައި ހުންނަ އެންމެ މުހިންމު ދެ ހޮސްޕިޓަލުގެ މުވައްޒަފުންނާއި ބަލިމީހުން ވަގުތުން ނެރުމަށް އަމުރުކޮށްފިއެވެ. މިއީ ހަމަލާއެއް ދޭނެކަމުގެ އިންޒާރާ އެކުގައެވެ. މި ނާޒުކު ދަނޑިވަޅުގައި ޤައުމުތަކުގެ ޖަމްޢިއްޔާއިން އިސްރާއީލަށް ވަނީ ވަށައިލެވިފައިވާ ސަރަޙައްދުގެ ޞިއްޙީ މަރުކަޒުތަކަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ.
ހުކުރު ދުވަހު، ބައިތުލް ލަހިޔާގައި ހުންނަ އިންޑޮނީޝިއާ ހޮސްޕިޓަލް އިސްރާއީލު ސިފައިން ވަށާލިއެވެ. މިއީ ގިނަ އަދަދެއްގެ ފަލަސްޠީނު ރައްޔިތުން ރައްކާތެރިކަމަށް އެދި ދިޔަ ތަނެކެވެ. އަލްޖަޒީރާގެ ނޫސްވެރިޔާ ހާނީ މަޙްމޫދު ރިޕޯޓުކުރި ގޮތުގައި، ޖަބާލިޔާގައި ހުންނަ އަލް-އައުދާ ހޮސްޕިޓަލަށްވެސް މީހުން ހުސްކުރުމުގެ އަމުރެއް ނެރެފައިވެއެވެ.
މަޙްމޫދު ވިދާޅުވި ގޮތުގައި މި ދެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ނުވަތަ ރައްކާތެރިކަމަށް އެދިފައިވާ ގިނަ މީހުންނަކީ ގެއްލުން ލިބުނު ކަމާލް އަދްވާން ހޮސްޕިޓަލުން ބަދަލުކުރެވުނު މީހުންނެވެ.
”އަޅުގަނޑުމެން މި ވާހަކަދައްކަނީ ވަރަށް ނާޒުކު ޙާލަތެއްގައި ތިބި މީހުންގެ ވާހަކައެވެ،“ އޭނާ ވިދާޅުވިއެވެ. ”އެ މީހުން ޖެހޭނީ މެޑިކަލް އާލާތްތަކާ ގުޅާފައި ބަހައްޓަން، އަދި އޭގެ ތެރެއިން ބައެއް މީހުންނަށް ވަނީ ވަރަށް ބޮޑެތި އަނިޔާތައް ލިބިފައެވެ.“
މަޙްމޫދު އިތުރަށް ރިޕޯޓުކުރެއްވި ގޮތުގައި އިސްރާއީލު އޮތޯރިޓީތަކުން ވަނީ ހޮސްޕިޓަލް މުވައްޒަފުންނާއި ރެޑް ކްރެސެންޓް ފަދަ މިނިވަން އިންސާނިއްޔަތަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާ ދެމެދު އެއްވެސް ބާވަތެއްގެ ވިލަރެސްކުރުން ހުއްޓުވާފައެވެ.
ޣައްޒާ ސްޓްރިޕްގެ ޞިއްޙީ ޚިދުމަތްތައް ވަނީ އިސްރާއީލު ހަނގުރާމަވެރި ބާރުތަކުގެ ތަކުރާރުކޮށް ދޭ ހަމަލާތަކާ ގުޅިގެން ބޮޑުތަނުން ހީނަރުވެފައެވެ. މީގެ ތެރޭގައި ފާއިތުވި ހަފްތާގައި ކަމާލް އަދްވާން ހޮސްޕިޓަލަށް ލިބުނު ގެއްލުންވެސް ހިމެނެއެވެ. އިންޑޮނީޝިއާ އަދި އަލް-އައުދާ ހޮސްޕިޓަލްތަކަށްވެސް ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެއްލުން ލިބިފައެވެ.
އިސްރާއީލުން ޞިއްޙީ މަރުކަޒުތަކަށް ދޭ ހަމަލާތައް ދިފާޢުކޮށްފައިވަނީ އެ ތަންތަނަކީ ފަލަސްޠީނު ހަތިޔާރުއެޅި ޖަމާޢަތްތަކުން ބޭނުންކުރާ ތަންތަން ކަމަށް ބުނެއެވެ. ނަމަވެސް އދ އިން ވަނީ މި ދަޢުވާތަކުގެ ޞައްޙަކަމާމެދު ގިނަ ފަހަރު ސުވާލު އުފައްދާފައެވެ.
ހުކުރު ދުވަހު، ޖެނީވާގައި ހުންނަ އިސްރާއީލުގެ އދ އެމްބެސެޑަރ ޑެނިއަލް މެރޮން ވަނީ އދ އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް ފޮނުވި ސިޓީއެއް އިޖުތިމާޢީ މީޑިއާގައި ޝާއިޢުކޮށްފައެވެ. މި ސިޓީގައި އޭނާ ވިދާޅުވެފައިވަނީ ހަފްތާއެއް ކުރިން ކަމާލް އަދްވާން ހޮސްޕިޓަލަށް ދިން ހަމަލާއަކީ ”ޝައްކެއްނެތް ހެކިތަކެއްގެ“ މައްޗަށް ބިނާކޮށް ދިން ހަމަލާއެއް ކަމަށެވެ. އެ ހެކިތަކުން ދައްކާ ގޮތުގައި ފަލަސްޠީނު ހަތިޔާރުއެޅި ޖަމާޢަތްތަކުން ވަނީ އެ ހޮސްޕިޓަލް ބޭނުންކޮށްފައެވެ.
ޣައްޒާގައި ހުރި ޞިއްޙީ މަރުކަޒުތަކަށް އިސްރާއީލުން އަމާޒުކުރުމާ ގުޅިގެން ހުކުރު ދުވަހު އދ ގެ ސަލާމަތީ މަޖިލީހުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އދ ގެ އިސްވެރިން ވަނީ ހޮސްޕިޓަލްތައް ރައްކާތެރިކުރުމަށް އިލްތިމާސްކޮށްފައެވެ.
މި ބައްދަލުވުމުގައި، އދ ގެ އިންސާނީ ޙައްޤުތަކާބެހޭ އިސްވެރިޔާ ވޯލްކަރ ޓުރްކް ވިދާޅުވި ގޮތުގައި ޣައްޒާގައި ހުރި މަރުކަޒުތައް ހަނގުރާމަވެރިން ބޭނުންކުރާކަމަށް އިސްރާއީލުން ކުރާ ގިނަ ދަޢުވާތަކަށް ހެކި ހުށަހެޅުމަށް އިސްރާއީލަށް ނުކުޅެދިފައިވެއެވެ. އޭނާ މި ދަޢުވާތައް ސިފަކުރެއްވީ ”ގިނަ ފަހަރަށް ކަނޑައެޅިގެން ނޭނގޭ އަދި ފުޅާ“ ދަޢުވާތަކެއްގެ ގޮތުގައެވެ. އަދި ބައެއް ޙާލަތްތަކުގައި ”ޢާންމުކޮށް ލިބެންހުރި މަޢުލޫމާތުތަކާ ފުށުއަރާ“ ދަޢުވާތަކެއްގެ ގޮތުގައެވެ.
މި ދަނޑިވަޅުގައި، އިސްރާއީލު ހަނގުރާމަވެރި ބާރުތަކުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ބޮންއެޅުން ކުރިއަށް ގެންދެއެވެ. ޞިއްޙީ ވަސީލަތްތަކުން އަލްޖަޒީރާއަށް ދެއްވި މަޢުލޫމާތުގައިވާ ގޮތުން ހުކުރު ދުވަހު ހެނދުނުން ފެށިގެން މަދުވެގެން 73 ފަލަސްޠީނުން ޝަހީދުވެފައިވެއެވެ.
އަލްޖަޒީރާގެ ނޫސްވެރިޔާ މަޙްމޫދު ރިޕޯޓުކުރެއްވި ގޮތުގައި ހޮނިހިރު ދުވަހު ފަތިހު މަދުވެގެން 5 މީހުން ޝަހީދުވެފައިވަނީ ވިޔަފާރި އަދި އިންސާނީ އެހީގެ އުޅަނދުތައް ރައްކާތެރިކުރުމަށް ހަވާލުކުރެވިފައިވާ ސަލާމަތީ މުވައްޒަފުންގެ ޤާފިލާއަކަށް އިސްރާއީލު ޑްރޯނަކުން ދިން ހަމަލާއެއްގައެވެ.
ފަލަސްޠީނު މަދަނީ ދިފާޢީ ބާރުތަކުން އިތުރަށް ރިޕޯޓުކުރެއްވި ގޮތުގައި ޣައްޒާ ސިޓީގެ އައްސަހާބާ މަގުގައި ހުރި ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ދެމަފިރިން އަދި އެ ދެމަފިރިންގެ ދަރިފުޅު ޝަހީދުވެފައިވެއެވެ.
އަލްޖަޒީރާ ޢަރަބިކްއިން މަޢުލޫމާތު ދެއްވި ގޮތުގައި މެދު ޣައްޒާގެ ދައިރުލް ބަލަޙުގައި ހުންނަ އަލް-އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލް ކައިރީގައި ހުރި، ގެދޮރު ގެއްލިފައިވާ ފަލަސްޠީނުން ދިރިއުޅޭ ޓެންޓުތަކަށް އިސްރާއީލު ހަނގުރާމަ މަތިންދާބޯޓުތަކުން ބޮންއެޅުމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ޣައްޒާއަށް ދޭ ހަނގުރާމައިގައި މަދުވެގެން 45,658 ފަލަސްޠީނުން ޝަހީދުވެ، 108,583 މީހުންނަށް އަނިޔާވެފައިވެއެވެ. އެ ދުވަހު ޙަމާސްގެ ޤިޔާދަތުގެ ދަށުން ހިންގި ހަމަލާތަކުގައި އިސްރާއީލުގައި މަދުވެގެން 1,139 މީހުން މަރުވެ، އަދި 250 އެއްހާ މީހުން ހިފައި ގެންދެވުނެވެ.