ނޭޕާލަށް ކުރި ބޯ ވިއްސާރައިގައި 100 އަށް ވުރެ ގިނަ މީހުން މަރުވެ، 64 މީހުން ގެއްލިއްޖެ

Advertisement

އެންމެ ފަސް

Advertisement

ނޭޕާލަށް ކުރި ބޯ ވިއްސާރައިގެ ސަބަބުން ހިނގި ފެންބޮޑުވުމުގެ ހާދިސާއާއި ބިންގަނޑު ކަހައިގެން ދިއުމުގެ ކާރިސާގައި 100 އަށް ވުރެ ގިނަ މީހުން މަރުވެ، 64 މީހުން ގެއްލިއްޖެ އެވެ.

ރޮއިޓާސް އިން ރިޕޯޓް ކުރިގޮތުގައި ހުކުރު ދުވަހު ހިނގި މި ކާރިސާގެ ސަބަބުން އެގައުމުގެ އެއްގަމު އަދި ވައިގެ ދަތުރުފަތުރުތައް ހުއްޓިފައި ވެއެވެ.

މަރުވި މީހުންގެ އަދަދު 100 އިތުރުވުން އެކަށީގެންވާ ކަމަށް ނޭޕާލް ސަރުކާރުން ބުނެފައި ވެއެވެ. މި ކާެރިސާތަކުގައި 73 މީހަކަށް އަނިޔާ ލިބިފައި ވެއެވެ. އެއާއެކު، މިހާރު ނޭޕާލް ސަރުކާރުން ވަނީ 3 ދުވަހުގެ މުއްދަތަކަށް ސްކޫލުތައްވެސް ބަންދުކޮށްފަ އެވެ.

މި ކާރިސާތަކުގައި އެންމެ ބޮޑަށް އަސަރު ކުރީ ނޭޕާލްގެ ވެރިރަށް ކަތްމަންޑޫއަށް ކަމަށާއި އެންމެ ގިނަ މީހުން މަރުވީވެސް ވެރިރަށުން ކަމަށް ނޭޕާލުން ބުނެފައި ވެއެވެ. 4 މިލިއަން މީހުންގެ އާބާދީއެެއް އޮންނަ ކަތްމަންޑޫގެ ބައެއް ސަރަހައްދުތަކަށް 322.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އެހާ ބޯކޮށް ވާރޭ ވެހުމުން، ނޭޕާލްގެ ކޯރުތަކުގައި ފެންގަނޑު 2.2 މީޓަރު މައްޗަށް އުފުލުނު ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުންޏެވެ. އެ އިދާރާއިން ބުނި ގޮތުގައި ނޭޕާލްގައި މީގެ ކުރިން މިހާ ބޮޑު ފެންބޮޑުވުމުގެ ކާރިސާއެއް ކުރިމަތިވެފައި ނުވެ އެވެ. އަދި ނޭޕާލްގެ ފެން ހިންދުމުގެ ނިޒާމް ރަނގަޅު ނޫންކަމުން، މިހާ ބޮޑުވަރުވާން މެދުވެރިވި ކަމަށްވެސް ބުނެފައި ވެއެވެ.

މިއީ މިވަގުތު ދެކުނު އޭޝިޔާއަށް ކުރާ ހުޅަނގު މޫސުމުގެ އަސަރެއް ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައި ވެއެވެ. ނަމަވެސް، މިއަދުން ފެށިގެން ނޭޕާލަށް ވިއްސާރަކުރާ މިންވަރު ތުނިވެ، މޫސުން ރަނގަޅުވަމުން އަންނާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.

މިހާރު ސަރުކާރުން ދަނީ ހެލިކޮޕްޓަރުތަކާއި ރަބަރު ބޯޓުތައް ބޭނުންކޮށްގެން މީހުން ސަލާމާތްކުރުމުގެ މަސައްކަތް ކުރަމުން ނެވެ.

ނޭޕާލް ވިއްސާރަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ