ނޭޕާލްގެ ބަހެއް އެކްސިޑެންޓުވެ އިންޑިއާގެ ފަތުރުވެރިންތަކެއް މަރުވެއްޖެ އެވެ.
އިންޑިއާގެ ފަތުރުވެރިންނާއެކު ދަތުރުކުރި ބަހެއް ހުކުރު ދުވަހު ނޭޕާލްގެ ހައިވޭއަކުން ގޮސް ކޯރަކަށް ވެއްޓިފައި ވެއެވެ. މި ހާދިސާގައި 27 މީހަކު މަރުވެ، އިތުރު 16 މީހަކު ޒަހަމްވެފައި ވެއެވެ.
ޓޫރިސްޓް ސިޓީ ޕޮކަރާއިން ވެރިރަށް ކަތުމަންޑޫއަށް ދަތުރުކުރަމުން ދަނިކޮށް މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެ މެންދުރު ވަގުތެއްހާއިރު އެވެ.
”43 މީހުންގެ ތެރެއިން ޖުމްލަ 27 މީހަކު މަރުވެފައިވޭ،“ ތަނަހޫން ޑިސްޓްރިކްޓްގެ އޮފިޝަލް ޖަނަރުދާން ގޯތަމް އޭއެފްޕީއަށް ބުނެފައިވެ އެވެ.
ރެސްކިއު ޓީމްތަކުން ވަނީ ކޯރުން ފަސިންޖަރުން ސަލާމަތް ކުރުމަށް މަސައްކަތްކޮށްފަ އެވެ.
ޒަހަމްވި 16 ފަސިންޖަރުންނަށް ފަރުވާ ދިނުމަށް އަސްކަރީ ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންގޮސްފައި ވެއެެެވެ.
ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި ބަހަށް އެރި ހުރިހާ މީހުންނަކީ ވެސް މީގެ ކުރިން ރޭ ޕޮހާރާގައި މަޑުކޮށްގެން ކަތްމަންޑޫއަށް ދާން އުޅުނު އިންޑިއާ ރައްޔިތުންނެވެ.
ބަސް، ޕްރިތުވީ ހައިވޭއިން ދުރަށް ޖެހިލާފައި ކޯރަކާ ދިމާއަށް ދުއްވާފައިވަނީ ބާރު ސްޕީޑެއްގައި ކަމަށް ނޭޕާލުން ރިޕޯޓްކޮށްފައި ވެއެވެ.
ނޭޕާލުގައި ބަސް އެކްސިޑެންޓްތައް ގިނައިން ދިމާވަނީ މަގުތަކާއި އުޅަނދުފަހަރު ރަނގަޅަށް ބެލެހެއްޓިފައި ނުވާތީ ކަމަށާއި އެގައުމުގެ ބޮޑު ބައެއް އޮތީ ހަނި މަގުތަކެއް ހުންނަ ފަރުބަދަތަކުގައި ކަމަށް އެގައުމުން ބުނެ އެވެ.