ރަޝިޔާއާއި އުތުރު ކޮރެއާ ގުޅިގެން އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުން އަރައިގަންނާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވައުދުވެވަޑައިގެންފި އެވެ.
ޕުޓިން މިގޮތަށް ވައުދުވެވަޑައިގަތީ އުތުރު ކޮރެއާއަށް މިިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ލީޑަރު ކިމް ޖޮންގް އުންއާއި މުހާތަބުކުރައްވަމުން ނެވެ.
ކިމްއާއި ބައްދަލުކުރައްވަމުން ޕުޓިން ވަނީ އެމަނިކުފާނު ޔޫކްރެއިނާއި ކުރައްވަމުން ގެންދަވާ ހަނގުރާމައަށް ކިމް ތާއީދުކުރައްވާތީ އެކަމަށްޓަކައި ކިމްއަށް ޝުކުރު އަދާކުރައްވާފަ އެވެ.
އުތުރު ކޮރެއާއިން ވަނީ ޕުޓިން އެގައުމުގެ ވެރިރަށް ޕްޔޮންގްޔާންގަށް ވަޑައިގަތުމުގެ 2 ގަޑިއިރު ކުރިން ޕުޓިންގެ މި ވާހަކަފުޅު އެގައުމުގެ ދައުލަތުގެ މީޑިއާއިން ގެނެސްދީފަ އެވެ. ޕުޓިންގެ މި ދަތުރުފުޅަކީ 2 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.
ޕުޓިންގެ ވާހަކަފުޅުގައި ވަނީ ދެގައުމުން ހުޅަނގުގެ ފިއްތުންތަކާއި ގާތުން ކުރިމަތިލައިގެން އިންސާފު ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ކުރުމަށްޓަަކައި ވިޔަފާރިކުރުމަށް ”ހުޅަނގުން ކޮންޓްރޯލް ނުކުރާ“ ވަކި ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް ޕުޓިން ވިދާޅުވި އެވެ. ޕުޓިން ވަނީ ހުޅަނގުން އަޅާފައިވާ ފިޔަވަޅުތަކަކީ ”ގައިރު ގާނޫނީ ފިޔަވަޅުތަކެއް“ ގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ އުތުރު ކޮރެއާގެ ނިއުކްލިޔާ ހަތިޔާރު އުފެއްދުން ކުށްވެރިކުރުމަށް އެގައުމުގެ ވިޔަފާރިއަށް ބުރޫއަރާނެހެން ބައިވަރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ ކުށްވެރިކުރުމަށް އެމެރިކާގެ އިތުރުން ހުޅަނގުގެ ގައުމުތަކުން ދަނީ ރަޝިޔާއާއި ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ނެވެ.
މީގެ އިތުރަށްވެސް ޕުޓިން ވަނީ ދެގައުމުން ފަތުރުވެރިކަމާއި ސަގާފަތާއި ތައުލީމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް މަޝްވަރާކުރައްވާފަ އެވެ.
ރަޝިޔާއިން ވަނީ މީގެ ކުރިންވެސް އުތުރު ކޮރެއާާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އދ. އަށް ހުށަހެޅުނު ގަރާރެއް ވީޓޯ ކޮށްފަ އެވެ. އދ. އިން ވަނީ އުތުރު ކޮރެއާއަށް ލަގްޒަރީ ސާމާނުތައް އެތެރެކުރުން މަނާކޮށްފަ އެވެ. ނަމަވެސް ޕުޓިން ވަނީ ސެޕްޓެމްބަރު މަހުގައި ކިމްއަށް ހައި-އެންޑް އަގުބޮޑު ޑިޒައިނާ ކާރެއް ހަދިޔާކުރައްވާފަ އެވެ. މިއީ ކަނޑައެޅިގެން އދ. ގެ އެންގުމާއި ހިލާފަށް ކުރެއްވި އަމަލެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
ކިމް ހިންގާ މިސައިލް ޓެސްޓްތަކުން ދެކުނު ކޮރެއާގެ ސަލާމަތަށް ނުރައްކާވާ ކަމަށް އެގައުމުން ދަނީ ތަކުރާރުކޮށް ބުނަމުން ނެވެ.