އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރައްވައިފި އެވެ.
މިއަދު އިންޑިއާގެ ވެރިރަށް ނިއުދެއްލީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޯދީއަށް ބޮޑުވަޒީރުކަމުގެ ހުވާ ލައްވައިދީފައި ވަނީ އިންޑިއާގެ ރައީސް ޑްރޯޕަދީ މުރްމޫ އެވެ.
ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރަޝްތްރަޕަތީ ބަވަން ގަނޑުވަރުގަ އެވެ.
އެއާއެކު، މޯދީ، 73، ވަނީ އިންޑިއާގެ ބޮޑު ވަޒީރު ޖަވާހިރްލާލް ނެހްރޫއަށްފަހު އިންޑިއާގައި ބޮޑުވަޒީރުކަމުގެ ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަތް ދެ ވަނަ ބޭފުޅާއަށް ވެވަޑައިގެންފަ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގަތެވެ. މިއީ މޯދީގެ ދައުވަތަކަށް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ.
މި މަހުގައި ނިމުނު އިންޑިއާގެ އާންމު އިންތިހާބުގައި މޯދީގެ ޕާޓީ، ބީޖޭޕީ ހިމެނޭ އެންޑީއޭއިން ވަނީ 293 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އެއާއެކު، އެ އިއްތިހާދުން ވަނީ މޯދީއަށް ބޮޑުވަޒީރުކަމުގެ ތިން ވަނަ ދައުރެއް ދޭން ކަނޑައަޅާފަަ އެވެ.


