ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގެ ދަށުން ރާއްޖޭގައި ހިންގޭ ފުރަތަމަ ޓައުންސިޕް ޕްރޮޖެކްޓު ހިންގުމުގެ ހުއްދަދީފި އެވެ.
ބޯޑް އޮފް އިންވެސްޓްމަންޓްސް (ބީއޯއައި) އިން ރާއްޖޭގައި ހިންގޭ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގުމުގެ ހުއްދަ މިއަދު ދޫކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުންޏަށް ހުއްދަ ދިނީ 790 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އިންވެސްޓްކުރާ ގޮތަށެވެ.
ބީއޯއައި އިން ބުނި ގޮތުގައި ސަސްޓެއިނަބްލް ޓައުންޝިޕް ގާއިމްކުރަން ކްރިސްޓަލް ހޯލްޑިންގްސްއަށް ދިން ހުއްދައަކީ އާދައިގެ ފަތުރުވެރިކަމަށް ބިނާކޮށްފައިވާ މޮޑެލްތަކުން ބޭރުން، މަލްޓިސެކްޓާ މޮޑެލް އަށް ދާން އެޅުނު ފާހަގަކޮށްލެވޭ ފިޔަވަޅެއް ކަމަށެވެ.
މި ޓައުންޝިޕްގައި ލަގްޒަރީ ހޮސްޕިޓަލިޓީ އާއި ރެސިޑެންޝަލް ބައިތައް ހިމެނޭއިރު، މީގެ ތެރޭގައި މުހިންމު އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާތައް ވެސް ހިމެނެ އެވެ. އެގޮތުން، މެޑިކަލް އަދި ވެލްނަސް ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ބަދަލުކުރުމަށް މަގުފަހިކުރާ ޒަމާނީ ހެލްތުކެއާ ފެސިލިޓީއަކާއި، އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ އެންޑް ލީޑަރޝިޕް ސްކޫލަކާއި، ގައުމީ ކާނާގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އަމާޒުކޮށްފައިވާ އެޑްވާންސްޑް އެގްރިކަލްޗާ އަދި އެކުއަކަލްޗާ ސިސްޓަމްތަކަށް ޚާއްސަ ރަށެއް ހިމެނެ އެވެ.

ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ބޭނުންވާ ހަކަތައިގެ %60 އަށްވުރެ މަދުނުވާ މިންވަރަކަށް އިއާދަކުރަނިވި ހަކަތައިން އުފައްދާނެ އެވެ. ބީއޯއައި އިން ބުނި ގޮތުގައި މިއީ ގައުމީ ކާބަން ނެރުން މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމާ، އޮޕަރޭޝަން ފެށުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު އެވެ.
ބީއޯއައި އިން ބުނި ގޮތުގައި މި ޕްރޮޖެކްޓުގެ ސަބަބުން ގިނަ އަދަދެއްގެ މަތީ ފެންވަރުގެ ވަޒީފާގެ ފުރުސަތުތައް އުފެދޭނެ އެވެ. އަދި ސަރަހައްދީ އިގްތިސާދީ ހަރަކާތްތައް ތަފާތުވެ، ދިގު މުއްދަތަށް ރާއްޖޭގައި މަޑުކުރާ ފަތުރުވެރިންނާއި މަތީ ފެންވަރުގެ މުސްހަނދިން ރާއްޖެއަށް ގެނައުމަށް އެހީވެދޭނެ އެވެ.
އޭގެއިތުރުން މި ހުއްދަ ދޫކުރުމަކީ ދިގު މުއްދަތުގެ އިޖުތިމާޢީ-އިޤްތިޞާދީ ހަމަޖެހުމާއި ސެކްޓޯރަލް ތަފާތުކުރުމަށް އެހީތެރިވާ، އީޖާދީ، މުސްތަގުބަލަށް އަމާޒުކޮށްފައިވާ އަދި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް ރާއްޖެއިން ދޭ އިސްކަން އަލުން ކަށަވަރުކޮށްދޭ ކަމެއްކަމަށްވެސް ބީއޯއައި އިން ބުންޏެވެ.

ޕްރޮޖެކްޓާއި ގުޅޭގޮތުން އެނގެން ހުރި މައުލޫމާތުތައް:
- މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ނޫނު އަތޮޅު ދިގުފަރު ފަޅުގައި
- މި ޕްރޮޖެކްޓަށް ކުރިން ދީފައިވާ ނަމަކީ، އައިލާ މޯލްޑިވްސް
- މި ޕްރޮޖެކްޓް ހިންގާ ކްރިސްޓަލް ހޯލްޑިންގްސްއަކީ ސްވިސް ރައްޔިތުން ކަމަށްވާ ޔަނިކް ރޮބަޓް ލުއިސް ޖިއަނާޑާއާ، ޕިއޭ ޖީން ކްލޯޑް އެންތޮއިންގެ ހިއްސާ އޮތް ކުންފުންޏެއް
- ކުރިން އޮތްގޮތުން ނަމަ، 11 ރަށާއި 24 ވެލިގަނޑު ހިއްކައިގެން ބޮޑު ރިޒޯޓެއް ތަރައްޤީކުުުރާނެ
- މި ފަޅުތައް ކުއްޔަށްދީފައިވަނީ 99 އަހަރަށް
- މުވައްޒަފުންނަށް ޚާއްޞަ ވަކި ސަރވިސް ރަށްތަކެއް ހިމެނޭނެ
އައިލާ މޯލްޑިވްސް‘ ގެ ނަމުގައި ހިންގާ މި މަޝްރޫޢުގައި ޖުމްލަ 262 ކޮޓަރި (524 އެނދު) ހިމެނޭނެ އެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)



