އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީގައި އިތުބާރު ހުރި ބައިވެރިއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ދްރޫޕަދީ މުރުމޫއަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިއާގެ އެކުވެރި ރައްޔިތުންނަށް ތަހުނިޔާ ދަންނަވާފައެވެ. އަދި މިނިވަން ދުވަހާއި، އެ ދުވަހުގެ ހަރަކާތްތަކާއެކު ކާމިޔާބާއި މިނިވަންކަމުގެ ޖޯޝާއި ރޫހު އާލާވެގެންދިއުމަށް އެދިވަޑައިގެންފައިވެއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބަލާއިރު، 1965 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖެއާއި އިންޑިއާއާ ދެމެދު ރަސްމީ ގޮތުން ސިޔާސީ ގުޅުން ޤާއިމުކުރުމުގެ މާ ކުރިންވެސް، ދިވެހިންނާއި އިންޑިއާއާއެކު ވިޔަފާރީގެ ވަރުގަދަ ގުޅުންތަކެއް އޮތްކަން ފާހަގަކުރެވެއެވެ.
މި ގުޅުން އިތުރަށް ހަރުދަނާވެގެން ދިޔައީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް މިދިޔަ މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ އެކުގައެވެ. މި ދަތުރުފުޅުގައި މުހިއްމު ހަތަރު އެމްއޯޔޫއަކާއި ތިން އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ އިތުރުން ރާއްޖެއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާ ފެށިކަން ވެސް އިޢުލާނު ކުރެއްވިއެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި 565 މިލިއަން ޑޮލަރުގެ (8.7 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ހިމެނެއެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ އެކު އިންޑިއާއިން ހަދާފައިވާ އެލްއޯސީ އެއްބަސްވުމުގެ ފައިސާ އަނބުރާ ދެއްކުމުގައި ވެސް ލުއިތަކެއް ދީފައިވާކަން ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ