އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.
ކަރަން ޖޯހަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލައުންޖުން ނުކުމެ، ލޯންޗަށް އަރަން ދިޔަ މަންޒަރުގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ފެތުރިފަ އެވެ.
ކަރަން ޖޯހަރު ރާއްޖެއަށް މި ޒިޔާރަތްކުރީ އޭނާގެ ހަށިގަނޑަށް އައި ބޮޑު ބަދަލަކާ ގުޅިގެން އިންޑިއާގެ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ. އޭނާގެ ހަށިގަނޑު މާ ބޮޑަށް ހިކުމާ ގުޅިގެން ކެންސަރު ފަދަ ބައްޔެއް ޖެހިފައި ހުރެދާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރި އެވެ.
ނަމަވެސް މި މަހުގެ ކުރީކޮޅު ބޭއްވުނު އެވޯޑް ހަފުލާއެއްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ކަރަން ޖޯހަރު ވަނީ އެއްވެސް ސިއްހީ މައްސަލައެއް ނެތްކަން ހާމަކޮށްފަ އެވެ. ”އަހަރެންގެ ހަށިގަނޑު ލުއިވެފައި މިވަނީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ދެމުން އަންނަ ސަމާލުކަމުގެ ސަބަބުން،“ އޭނާ ބުންޏެވެ.
އިންޑިއާގެ ކްރިކެޓް ކެޕްޓަން ވެސް ރާއްޖޭގައި
ރާއްޖެއަކީ އިންޑިއާގެ ފިލްމީ ދާއިރާގެ ފަންނާނުންނާއި މަޝްހޫރު ޝަހްސިއްޔަތުތަކުގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. މިގޮތުން އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ރޯހިތު ޝަރްމާ ވެސް މިވަގުތު ވަނީ އޭނާގެ އަނބިކަނބަލުން ރިތިކާ ސަޖްދޭ އާއި ދަރިފުޅު ސަމައިރާއާއެކު ވޯލްޑޯފް އެސްޓޯރިއާ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ޓުޑޭ އިންޑިއާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ރޯހިތުގެ މި ދަތުރަކީ އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ފެށުމުގެ ކުރިން އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ކުރި ދަތުރެކެވެ. އައިޕީއެލްގެ ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ޗެންނާއީގައެވެ.