އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ގަބްރިއެލް ޖީސޫސް ކާމިޔާބުކުރި ހެޓްރިކާއެކު 3-2 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށް، އާސެނަލް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ޖިއަން ފިލީޕޭ މަޓޭޓާ ވަނީ ލަނޑެއް ޖަހައި ޕެލަސްއަށް ކުރިހޯދަދީފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކުއެވެ.
ދެވަނަ ހާފުގަައި އާސެނަލްއިން ތަފާތު ދެއްކީ ޖީސޫސްއެވެ. އެގޮތުން، ހާފު ފެށިގެން ނުވަވަނަ މިނެޓުގައި އޭނާ ވަނީ ލަނޑެއް ޖަހައި އާސެނަލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއީ މި ސީޒަނުގައި އޭނާ ލަނޑު ޖެހި ދެވަނަ މެޗެވެ. އަދި އެމިރޭޓްސް ސްޓޭޑިއަމްގައި ލަނޑެއް ޖެހިފައިވަނީ އަހަރެއްހާ ދުވަސް ފަހުންނެވެ. ޕްރިމިއާ ލީގުގައި އޭނާ އެންމެ ފަހުން ލަނޑު ޖަހާފައިވަނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ޖީސޫސް ވަނީ ލަނޑެއް ޖަހައި، ފުރަތަމަ ފަހަރަށް އާސެނަލްއަށް ކުރިހޯދަދީފައެވެ. އަދި އޭގެ އަށް މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައިި ހެޓްރިކް ފުރިހަމަކޮށްފައެވެ.
މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޕެލަސްގެ ދެވަނަ ލަނޑު ކާމިޔާބުކުރީ އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ، އެޑީ އެންކެޓިއާއެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން އެ ޓީމަށް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.
ލީގު ކަޕުގެ ސެމީއަށް ދަތުރުކޮށްފައިވަނީ އާސެނަލްގެ އިތުރުން ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލެވެ. ސެމީގެ ފަހު ޖާގަ ލިބޭނީ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.