ވެން ނިސްޓަލްރޫއިގެ އިރުޝާދާއެކު މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުން، 5-2 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ ކައިރިން މޮޅުވެއްޖެ އެވެ.
ޔުނައިޓެޑުން ކޯޗު އެރިކް ޓެން ހާގް މަގާމުން ވަކުކުރީ މި ހަފުތާގަ އެވެ. އެޔަށްފަހު، ވަގުތީ ގޮތުން ޓީމު ހަވާލުކުރީ އެސިސްޓެންޓް ކޯޗު، ނިސްޓަލްރޫއި އާއެވެ. އޭނާގެ ފުރަތަމަ މެޗަކީ ރޭ ލީގު ކަޕުގައި ލެސްޓާ އާ ދެކޮޅަށް ކުޅުނު މެޗެވެ.
ޔުނައިޓެޑުގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 15 ވަނަ މިނެޓުގައި ކަސެމީރޯ ޖެހި މޮޅު ލަނޑާއެކު ޔުނައިޓެޑުން ވަނީ ކުރިހޯދާފަ އެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އަދި މެޗުގެ 28 ވަނަ މިނެޓުގައި އަލެހަންދްރޯ ގާނާޗޯ ވަނީ ލަނޑެއް ޖަހައި، ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފަ އެވެ.
މެޗުގެ 33 ވަނަ މިނެޓުގައި އަލް ހަނޫސް ވަނީ ލަނޑެއް ޖަހައި، ލެސްޓާ އަށް އުއްމީދު އައުކޮށްދީފަ އެވެ. ނަމަވެސް، ހާފު ނިމުމުގެ ކުރިން ބްރޫނޯ ފެނާންޑޭސް އާއި ކަސެމީރޯ ޖެހި ލަނޑާއެކު ޔުނައިޓެޑުން ވަނީ އަލުން ލީޑު ފުޅާކޮށްފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލެސްޓާގެ ދެވަނަ ލަނޑު ޖެހީ ކޯނާ ކޯޑީ އެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 59 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފަ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ޔުނައިޓެޑް ބައްދަލުކުރަން ޖެހޭނީ ޓޮޓެންހަމް އާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހު އެވެ.