ދިވެހި ޕްރިމިއާ ލީގުގައި އުމުރުން 17 އަހަރުގެ ހުސައިން ސުހާދު ސުހާން ކާމިޔާބުކުރި ހެޓްރިކާއެކު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން 4-1 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.
ޓީސީ އާއި ޔޫވީ ވަނީ ލީގުގައި ފުރަތަމަ ކުޅުނު ދެ މެޗުންވެސް ބަލިވެފަ އެވެ. މިއާއެކު، ދެ ޓީމަށްވެސް ވަނީ މެޗުން މޮޅުވުން މުހިންމުވެފަ އެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޓީސީ އިންނެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އެ ޓީމަށް ލަނޑު ޖަހައިދިނީ އަހުމަދު ރިލްވާން (ބެން) އެވެ.
ޔޫވީ އިން މެޗުގެ ނަތީޖާ އަނބުރަލީ ދެވަނަ ހާފުގަ އެވެ. އެ ޓީމަށް ނަތީޖާ އަނބުރާލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އުމުރުން 17 އަހަރުގެ ސުހާދެވެ. އޭނާ ވަނީ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ލަނޑެއް ޖަހައި ޔޫވީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ޔޫވީ އަށް ފުރަތަމަ ފަހަރަށް ކުރިހޯދަދީފަ އެވެ.
ހާފުގެ ކުރީކޮޅު ދެ ލަނޑު ކާމިޔާބުކުރެވުމުން ލިބުނު ހިތްވަރާއެކު ސުހާދު ވަނީ 58 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި، 10 މިނެޓު ތެރޭގައި ހެޓްރިކެއް ހަދައި ޔޫވީ އަށް ނަތީޖާ އަނބުރާލަދީފަ އެވެ. މިއާއެކު، ސުހާދު ވަނީ ދިވެހި ޕްރިމިއާ ލީގުގައި ހެޓްރިކް ހެދި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދާފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައިވަނިކޮށް އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ޔޫވީގެ ހަތަރުވަނަ ލަނޑު ޖެހީ އިޝްއާފް މުހައްމަދު ފިރާގެވެ.
