ސައުތު އޭޝިއަން ސުޕަ ކަޕުގައި ރާއްޖެއިން ލަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު، 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފި އެވެ.
މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދާއެކު ކުޅުނު ފުރަތަމަ މެޗުން ރާއްޖެ މޮޅުވެފައިވާއިރު، މިއީ ބައިނަލްއަގުވާމީ ފުޓުބޯޅައިގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ރާއްޖެ މޮޅުވި ފުރަތަމަ މެޗެވެ.
އިއްޔެ ހަވީރު ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 27 ވަނަ މިނެޓުގައި އިބްރާހިމް އައިސަމް ނެގި ކޯނަރަކުން ނާއިޒު ހަސަން (ދާދު) ވަނީ ލަނޑެއް ޖަހައި، ރާއްޖެއަށް ކުރިހޯދަދީފަ އެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ދާދު ތަނަވަސްކޮށްދިން ފުރުސަތަކުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ ލަނޑު ޖަހައި، ރާއްޖެއަށް ލީޑު ފުޅާކޮށްދީފަ އެވެ. ރާއްޖެއިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކު އެވެ.
ދެވަނަ ހާފުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ބަދަލަކަށް ކުޅެން ނިކުތް ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ، މުހައްމަދު އިލާން އިމްރާން އަށެވެ. އިލާން ވެފައިވަނީ ރާއްޖޭގެ ގައުމީ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއަށެވެ.
މެޗުގެ އިތުރު ވަގުތުގައި އިލާން ދިން ބޯޅަޔަކުން އަލީ ފާސިރު (ސެންޓޭ) ވަނީ ރާއްޖެއަށް ތިން ލަނޑުގެ ލީޑެއް ހޯދަދީފަ އެވެ.
ސުޕަ ކަޕްގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނުވަވަނަ ދުވަހު އެވެ.