ބަންދުގައި ހުރި ލަންކާގެ ކުރީގެ ރައީސް ރަނިލް ނެޝަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ބަންދު ކޮށްފައިހުރި ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރެމަސިންހަގެ ސިއްހީ ހާލަތާއި ގުޅިގެން، ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ ނެޝަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.

ރަނިލް ހައްޔަރު ކުރީ އޭނާގެ އަނބިކަނބަލުންގެ ގްރެޖުއޭޝަން ހަފްލާއަށް އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރަކާ ގުޅިގެން ކުރެވުނު ތަހުގީގަކަށް ފަހު އެވެ.

ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރަނިލް ކުރެއްވި މި ދަތުރަކީ އަމިއްލަ ބޭނުމަކަށް ކުރެއްވި ދަތުރެއް ނަމަވެސް، އެ ދަތުރަށް ދައުލަތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ. މި ދަތުރުގައި ރަނިލްގެ އަރިހުގައި 10 ބޭފުޅަކު ބައިވެރިވެވަޑައިގެން، ދައުލަތުން ގާތްގަނޑަކަށް 16.9 މިލިއަން ރުޕީސް (56،000 އެމެރިކާ ޑޮލަރު) ހަރަދުކޮށްފައިވާ ކަމަށް ވެއެވެ.

ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން ރޭ ވަނީ އޯގަސްޓް 26 އާ ހަމައަށް ރަނިލް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އެގޮތުން ރޭ ލަންކާ ފުލުހުން ވަނީ ރަނިލް ޖަލު ބަންދަށް ގެންގޮސްފަ އެވެ.

ނަމަވެސް ރަނިލްގެ ބަލި ހާލަތު ހުރިގޮތުން އޭނާ ގެންގޮސްފައިވަނީ ޖަލު ހޮސްޕިޓަލަށެވެ. އަދި ރަނިލްގެ ސިއްހީ ހާލަތާއި ގުޅިގެން ޖަލު ހޮސްޕިޓަލުން ނުލިބޭ ހާއްސަ އެހީތެރިކަން ދިނުމަށް މިއަދު ވަނީ ކޮލޮމްބޯގައި ހުންނަ ނެޝަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން މި މަހުގެ ކުރީކޮޅު ރަނިލްގެ ކުރީގެ ޕްރެޒިޑެންޝަލް ސެކްރެޓަރީ ސަމަން އެކަނަޔަކަ އާއި ކުރީގެ ޕްރައިވެޓް ސެކްރެޓަރީ ސަންޑްރާ ޕެރޭރާއާވެސް ވަނީ ސުވާލުކޮށްފަ އެވެ. އަދި މި ދަތުރުގެ މުއްދަތު ތެރޭގައި ރަނިލް ވަނީ ކިއުބާ އަށާއި އެމެރިކާއަށް ރަސްމީ ދަތުރެއް ކުރައްވައި، އެމެރިކާގައި ހުންނެވުމަށްފަހު އިނގިރޭސި ވިލާތަށް އަމިއްލަ ދަތުރެއްގައި ވަޑައިގެންފަ އެވެ.

ރަނިލް ބަންދު ކުރުމާ ގުޅިގެން ކުރީގެ ރައީސުން ކަމަށްވާ މައިތިރިޕާލާ ސިރިސޭނާ އަދި މަހިންދަ ރާޖަޕަކްސަ ވަނީ ރަނިލްއާ ބައްދަލުކުރައްވާ ހިތްވަރު ދެއްވާފަ އެވެ.

ސްރީލަންކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ