މުބާރާތުގައި ކުޅުނު ހުރިހައި މެޗަކުން މޮޅު، ފުރިހަމަ ރެކޯޑަކާއެކު ފޮނަދޫ ބަށިބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލެކްރޯސް އިން ހޯދައިފި އެވެ.
ލެކްރޯސް އިން ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި އެންކަރޭޖިން ޔޫތު އެމްޕަވަމަންޓް ސޮސައިޓީ (އައިސް) ބަލިކުރުމަށްފަހު އެވެ. ލެކްރޯސް ފައިނަލަށް ދަތުރުކޮށްފައިވަނީ، ލީގު ބުރުގައި ކުޅުނު ހުރިހައި މެޗަކުން މޮޅުވެ، އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަދި އައިސް ފައިނަލުން ޖާގަ ހޯދީ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
ފައިނަލް މެޗުގައި ލެކްރޯސް އިން 24 ލަނޑު ކާމިޔަބުކުރިއިރު، އައިސް އަށް ކާމިޔާބުކުރެވުނީ 17 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ލެކްރޯސްގެ ހައްވާ ލިއުޝާ އެވެ. އެ ޓީމުން ކުޅުނު ހުރިހައި މެޗެއްގެވެސް މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލިއުޝާ އެވެ.
މިއަހަރުގެ މުބާރާތުގެ ބަށި ރާނީ އަކަށް ހޮވުނީ މުޅި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ލިއުޝާ އެވެ. ލިއުޝާ ވަނީ މުޅި މުބާރާތުގައި ޖުމްލަ 972 ޕޮއިންޓު ހޯދާފަ އެވެ.
މި މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާ އަދި ހިފުންތެރިޔަކަށްވެސް ހޮވުނީ ލިއުޝާ އެވެ. އެގޮތުން، ލިއުޝާ ވަނީ ޖުމްލަ 483 ބޯޅަ ޖަހައި، 489 ބޯޅަ ހިފާފަ އެވެ.
ފޮނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ކުރިޔަށް ގެންދިޔަ ފުރަތަމަ ބަށިބޯޅަ މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ) އެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.



