ފީފާ ކްލަބް ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ރޭ 2-0 ގެ ނަތީޖާއަކުން ބްރެޒިލްގެ ފްލުމިނެންސޭ ބަލިކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ ޗެލްސީން ހޯދައިފިއެވެ.
މެޓްލައިފް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަކީ، ޗެލްސީގެ ފުރަތަމަ 11 ގައި ޖޮއާއޯ ޕެޑްރޯ ކުޅުނު ފުރަތަމަ މެޗެވެ. މެޗު ފެށިގެން 18 ވަނަ މިނެޓުގައި އޭނާ ވަނީ ލަނޑެއް ޖަހައި، ޗެލްސީއަށް ކުރިހޯދަދީފައެވެ. ފްލުމިނެންސޭ އަކީ ޖޮއާއޯ ޕެޑްރޯ ކުރިން ކުޅުނު ކްލަބެކެވެ.
ޗެލްސީން އެއް ލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފު ނިންމާލާފައިވާއިރު، އެ ޓީމުން ވަނީ ދެވަނަ ހާފުގެވެސް ފެށުން ރަނގަޅުކޮށްފައެވެ. އެގޮތުން، ހާފު ފެށިގެން 11 ވަނަ މިނެޓުގައި ޖޮއާއޯ ޕެޑްރޯ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ.
ރޭގެ މެޗުގައި ޗެލްސީގެ ކްރިސްޓޮފާ އެންކުންކޫ އަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި ފްލުމިނެންސޭގެ ހާކިޔުލިސް ފޮނުވާލި ބޯޅަ، ޗެލްސީގެ މާކް ކުކުރެލާ ވަނީ ގޯލު ރޮނގު މަތިން ދިފާއުކޮށްފައެވެ.
މި މެޗުން މޮޅުވި ނަމަވެސް ޗެލްސީއަށް ކަންބޮޑުވުމަކަށްވީ މެޗު ނިމެން ގާތް ވެފައިވަނިކޮށް އެ ޓީމުގެ މިޑްފީލްޑަރު، މޮއިސެސް ކައިސޭޑޯއަށް އަނިޔާވުމުންނެވެ.
މިދިޔަ ހަފުތާގައި ޖޮއާއޯ ޕެޑްރޯ ބްރައިޓަން އިން ޗެލްސީއަށް ބަދަލުވީ 55 މިލިއަން ޕައުންޑަށެވެ. ޗެލްސީން ވަނީ ކްލަބް ވޯލްޑް ކަޕުގައި މިހާތަނަށް 82 މިލިއަން ޕައުންޑް ހޯދާފައެވެ.
ފައިނަލުގައި ޗެލްސީ ކުޅެން ޖެހޭނީ މިރޭ ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
