ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، އެފްއޭއެމް ލީގު ކަޕްގެ ފައިނަލަށް އޮޑި ސްޕޯޓްސް ކްލަބުން ގޮސްފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މި ސެމީ ފައިނަލް މެޗުގައި އޮޑިން ފަހަތުން އަރައި މޮޅުވެ، އަންނަ ބުދަ ދުވަހުގެ ރޭ ބޭއްވޭ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ވަނީ ހޯދާފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނިއު އިން ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގައި އޮޑިން ވަރުގަދަ ކުޅުމެއް ދައްކައި، މެޗު އެއްވަރުކޮށް، އިތުރު ވަގުތުގައި މެޗުގެ ފަހު ގޯލު ވަނީ ޖަހާފަ އެވެ.
ނިއު ރޭޑިއަންޓްގެ ހަމައެކަނި ގޯލު ޖަހާ މެޗުގެ ލީޑް އެ ޓީމަށް ހޯދައިދިނީ 38 ވަނަ މިނެޓުގައި މުސާ ޔާމީން (ޔާމްބެ) އެވެ. އޮޑި ސްޕޯޓްސް ކްލަބުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ 74 ވަނަ މިނެޓުގައި އެ ޓީމުގެ މިސްރު ފޯވާޑް އާޝޫރު އެލްސައީދު ޖެހި ގޯލުންނެވެ. އާޝޫރު މެޗަށް އަރުވާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
އޮޑިއަށް މެޗު ކާމިޔާބުކޮށްދިން ގޯލު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔަބުކޮށްދިނީ އަހުމަދު ނޫމާން (ހެލްމެޓް) އެވެ.
ލީގު ބުރުގައި ނިއު އާއި އޮޑި ބައްދަލުކުރި މެޗު ނިމިފައިވަނީ 2-0 އިން ނިއު ކުރިހޯދައިގެންނެވެ. ނަމަވެސް މިރޭގެ މެޗުގައި އޮޑިން ދެއްކި ހިތްވަރުގަދަ ކުޅުމުގެ ސަބަބުން ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ހޯދައިފަ އެވެ.
އަންނަ ބުދަ ދުވަހުގެ ރޭ ބޭއްވޭ ފައިނަލުގައި އޮޑި ކުޅޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށެވެ. ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އެފްއޭއެމް އެފްއޭއެމް ލީގު ކަޕް އޮޑި ސްޕޯޓްސް ކްލަބް



